މާފަރުން ފެނުނީ ގެއްލުން ދޭ ޖަނަވާރެއް ނޫން ކަމަށް އެމްއެންޑީއެފްއާ ހަވާލާދީ މާފަރު ކައުންސިލުން ބުނެފިއެވެ.

މާފަރު އެއާޕޯޓުގެ ރަންވޭ ކައިރިން ގޮތް ނޭނގޭ "ބިޔަ" ޖަނަވާރެއް ދުވެފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވުމާއި ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފުން އެ ޖަނަވާރު ހޯދުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފަ އެވެ. އެ ރަށުން "ވަން"އާ ވާހަކަދެއްކި ބައެއް މީހުން ބުނާ ގޮތުގައި އެ ޖަނަވާރު ބޮޑަށް ވައްތަރީ ބްލެކް ޕެންތާ އަދި ބްލެކް ޗީތާ އަކާއެވެ. އަދި އެ ޖަނަވާރު ކަނޑު ބޯޓަކުން މޫދަށް ފުންމާލި މަންޒަރު ފެނުނު ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

މިނިކާވަގެއް ކަމަށް ބެލެވޭ ޖަނަވާރެއް މާފަރު އެއާޕޯޓުން ފެނިފައިވާތީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ހަތިޔާރާއެކު އިތުރު ސިފައިންވެސް މާފަރަށް އަރާ، އެ ޖަނަވާރު ހޯދުމަށް މުޅި އެއާޕޯޓު ސަރަހައްދު ވަނީ ބަލާފައެވެ.

މާފަރު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމްއެންޑީއެފް އިން ބެލިބެލުމުން މިހާތަަށް އެއާޕޯޓް ސަރަހައްދުން މިނިކާވަގެއް ފަދަ ޖަނަވާރެއް ފެނިފައެއް ނުވާ ކަމަށާއި ދައުރުވަމުންދާ ވީޑިއޯ އެނަލައިޒްކުރުމުން ވީޑީއޯއިން ފެންނަނީ ގެއްލުންދެނިވި ޖަނަވާރެއް ނޫންކަމަށް އެމްއެންޑީއެފް އިން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

މާފަރުން ފެނުނު ޖަނަވާރު ހޯދުމަށް އެމްއެންޑީއެފް އިން ކުރިއަށްގެންދިޔަ އޮޮޕަރޭޝަންގެ މައުލޫމާތު އެނގޭ މީހަކު ވަން އަށް ކިޔައިދިން ގޮތުގައި މާފަރު އެެއާޕޯޓްގެ ސަރަހަައްދު އެއްކޮށް ބެލުމުންވެސް ބުޅަލެއް ފިޔަވައި އިތުރު ޖަނަވާރެއް ފެނިފައިނުވެއެވެ. އަދި ބޮޑަށް ލަފާކުރެވެނީ ބުޅަލެއް ހިނގާފައި ފަނިކޮށް ވީޑިއޯ ކުރެވިފައިއިން ދުރުމިނާއި އެންގަލްގެ ގޮތުން އަސްލު ސައިޒަށްވުރެ ބޮޑުކޮށް ފެންނާތީ ހީވާ ހީވުމެއްކަމަށް އޭނާ ބުންޏެވެ.