މޫދަށް ގެއްލުނު އަނގޮޓިއެއް 51 އަހަރު ފަހުން ފެނިއްޖެއެވެ.

އެމެރިކާގެ ނިއުޖާޒީއަށް އުފަން ޖިމް ކޭލަންގެ މި އަނގޮޓޮ ގެއްލުނީ 1972 ވަނަ އަހަރު އޭނާގެ ސްކޫލު ގްރެޖުއޭޝަން ނިމުމުން އުފާފާޅުކުރުމަށް ރައްޓެހިންނާއެކު މޫދަށް ގޮސް އުޅެނިކޮށެވެ. އަނގޮޓި ގެއްލުމުން އެ ހޯދަން މަސައްކަތް ކުރިކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ނުފެނުމުން އުއްމީދު ކަނޑާލި ކަމަށްވެސް ވަނީ ބުނެފައެވެ.

ކޭލަންގެ އަނގޮޓި ގެއްލުނުތާ 51 އަހަރުފަހުން އެ މޫދު ސަރަހައްދުގައި ފޮޓޯނަގަން އުޅުނު މީހަކަށް ވަނީ އަނގޮޓި ފެނިފައެވެ. އެ މީހާ ވަނި އޭނާގެ ފޭސްބުކަށް އެ އަނގޮޓީގެ ފޮޓޯއެއް ލައި އޭގެ ވެރިފަރާތް ހޯދުމަށް މަސައްކަތް ފަށާފައެވެ.

ފޭސްބުކްގައި އެތައް ބަޔަކު ދިޔައީ އެ ޕޯސްޓު ޝެއާކުރަމުންނެވެ. އެންމެ ފަހުން ކޭލަން ކިޔެވި ސްކޫލްގެ ރައްޓެއްސަކަށް އެ ފޮޓޯ ފެނި ކޭލަންގެ ސަމާލުކަމަށް އެކަން ގެނައެވެ.

އަނގޮޓި ހޯދި މީހާ ވަނީ ކޭލަންގެ އަނގޮޓި އޭނާއާ ހަވާލުކޮށްފައެވެ. ނިއުޖާޒީގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކޭލަން ވަނީ އެ އަނގޮޓި 51 އަހަރު ފަހުން ފެނިފައި އެވަނީ ގެއްލުނު ތަނުން ނޫންކަމަށް ބުނެފައެވެ.