ދެހާސް ފަންސާސް ވަނަ އަހަރު ދުނިޔޭގައި ހަކުރުބަލީގެ 1.3 ބިލިއަން މީހުން ދިރިއުޅޭނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ ލެންސެޓް މެޑިކަލް ޖާނަލް އިން ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައިވާ ގޮތުން ދުނިޔޭގެ އާބާދީގެ ނިސްބަތުން ހަކުރުބަލި ހުންނަ މީހުންގެ އަދަދު 2050 ވަނަ އަހަރު ދެގުނައަށް މަތިވާނެ ކަމަށް ބެލެވެއެވެ.

ދިރާސާއިން ހާމަވި މައުލޫމާތުތަކަށް ބަލާއިރު މިހާރުވެސް ދުނިޔޭގައި ހަކުރުބަލީގެ 500 މިލިއަން މީހުން އުޅޭ ކަމަށް ބެލެވޭ ކަމަށް ފާހަގަކޮށްފައިވެއެވެ.

ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ހަކުރުބަލި ހުންނަ މީހުންގެ ނިސްބަތް އިތުރުވަމުންދާ އިރު، މިކަމުގެ ސަބަބެއް ކަމުގައި ބެލެވެނީ ދިރިއުޅުމުގައި ނުރަނގަޅު އާދަތަކާއި ބަރުދަން ކޮންޓްރޯލު ނުވާ މީހުންނާއި ސިއްހީ ކަންކަމަށް އަޅައިނުލާ މީހުން ގިނަވުން ކަމަށް ދިރާސާތަކުން ފާހަގަކުރެއެވެ.