ކޮމަންވެލްތު ގައުމުތަކުގެ ތެރެއިން އެންމެ ބާރަށް އިގްތިސޯދު ކުރިއަރާ ގައުމުތަކުގެ ދެވަނައިގައި ރާއްޖެ ހިމެނިއްޖެއެވެ.

ސެންޓާ ފޯ ކޮމަންވެލްތުން އެފެއާޒުން އިއްޔެ ވަނީ އެ ޖަމިއްޔާގެ ގައުމުތަކުގެ ތެރެއިން އެންމެ ބާރަށް އިގްތިސޯދު ކުރިއަރާ ގައުމުތަކުގެ ލިސްޓް ހާމަކޮށްފައެވެ. މި ލިސްޓުގައިވާ ގޮތުން ކޮމަންވެލްތު މެންބަރު ގައުމުތަކުގެ ތެރެއިން އިގްތިސޯދު ދެވަނައަށް އެންމެ ބާރަށް ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވަނީ ރާއްޖޭގައެވެ.

  • 1- ގުޔާނާ (%37.5)
  • 4- ރާއްޖެ (%7.2)
  • 5- ފިޖީ (%7)
  • 8- ރުވަންޑާ (%6.2)
  • 13- އިންޑިއާ (%5.9)
  • 17- ޔުގާންޑާ (%5.7)

ވޯލްޑު ބޭންކުން މޭމަހުގެ އަށްވަނަ ދުވަހު ނެރުނު މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) ރިޕޯޓުގައި ވެސް ބުނެފައިވަނީ ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން މި އަހަރު އެންމެ ބާރަށް ކުރިއަރާނީ ރާއްޖޭގެ އިގުތިސާދު ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައިވެސް ރާއްޖެއިން އިގުތިސާދީ ވަރުގަދަ ނަންބަރުތަކެއް ދަމަހައްޓާނެ ކަމަށެވެ.

ވޯލްޑު ބޭންކުން ބުނެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދިއުމުގެ ސަބަބުން އެހެނިހެން ސިނާއަތަކަށްވެސް އޭގެ ހެޔޮ އަސަރު ކުރަމުން އަންނަ ކަމަށެވެ. އަދި މިދިޔަ އަހަރުން ފެށިގެން ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ކަމަށާއި ފަތުރުވެރިކަން ކޮވިޑުގެ ކުރިން އޮތް މިންވަރަށް މި އަހަރު ރުޖޫއަވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މި އަހަރަށް ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރަށް ކުޑަކޮށް ދަށްވި ނަމަވެސް، ދެކުނު އޭޝިއާގެ އިގުތިސާދުތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިގުތިސާދަކީ ރާއްޖޭގެ އިގުތިސާދެވެ.

ސެންޓާ ފޯ ކޮމަންވެލްތުން އެފެއާޒުން މި ނެރުނު ރިޕޯޓު ދައްކާގޮތުން އޭޝިއާގައި އެންމެ ބާރަށް ކުރިއަރާނީ ވެސް ރާއްޖޭގެ އިގްތިސޯދެވެ. 7.2 ޕަސެންޓުގައި ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާއިރު، އޭޝިއާގައި ދެވަނައަށް އެންމެ ބާރަށް ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ އިންޑިއާގެ އިގްތިސޯދެވެ. އެއީ 5.7 ޕަސެންޓެވެ.