ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމުގައި މިދިޔަ އަހަރާ އަޅާބަލާއިރު، ރާއްޖެ ހަތް ދަރަޖަ ފަހަތަށް ޖެހިފައިވާ ކަމަށް ވޯލްޑް އިކޮނޮމިކް ފޯރަމުން ދުނިޔޭގެ ޖިންސުގެ ހަމަހަމަކަމާ ގުޅޭ ގޮތުން ނެރުނު މި އަހަރުގެ "ގްލޯބަލް ޖެންޑާ ގެޕް" ރިޕޯޓުގައި ބުނެފިއެވެ.
އެ ރިޕޯޓުގައި ވަނީ ދުނިޔޭގެ 143 ގައުމެއްގެ މައުލޫމާތު ހިމަނައިފައެވެ. އެ ރިޕޯޓުގައިވާ ގޮތުގައި، ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމުގައި ދުނިޔޭގެ ރޭންކިންގައި ރާއްޖެ އޮތީ 124 ވަނައިގައެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ 117 ވަނައިގައެވެ.
ރިޕޯޓުގައިވާ މައުލޫމާތަށް ބަލާއިރު، ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމުގައި ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތީ އައިސްލެންޑެވެ. އެންމެ ފުލުގައި އޮތީ އަފްގާނިސްތާނެވެ.
ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު، ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމުގައި ރާއްޖެ އޮތީ ފަސް ވަނައިގައެވެ. އެއްވަނައިގައި ބަންގްލަދޭޝް އޮތް އިރު، ފުލުގައި އޮތީ އަފްގާނިސްތާނެވެ. ރާއްޖެއާ އެންމެ ގާތްކުރަނީ އިންޑިއާއެވެ. އެގޮތުން ރޭންކިންގައި ދެ ދަރަޖަ މަދުން ލިބި އިންޑިއާ އޮތީ ލިސްޓުގެ ހަ ވަނައިގައެެ.
ވަކިވަކި ދާއިރާތަކަށް ބަލާއިރު، ގާނޫނު ހަދާ މަޖިލީހުގައި އެންމެ މަދުން އަންހެނުން ތަމްސީލުވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އެއީ އެންމެ ދަށް މިންގަނޑު ކަމަށް ބަލާ ފަސް ޕަސެންޓަށް ވުރެ ދަށްވުމުންނެވެ. އަދި ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިވެފައިވާ ނިސްބަތަށް ބަލާއިރު ރާއްޖެ އޮތީ 103 ވަނައިގައެވެ.
ރިޕޯޓުގައިވާ ގޮތުގައި، ރާއްޖޭގެ އިގުތިސޯދީ ދާއިރާގައި އަންހެނުންގެ ހަމަހަހަމަކަށް ބަލާއިރު ރާއްޖެ އޮތީ 131 ވަނައިގައެވެ. އެއީ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ މަތިން ލިބިފައިވާ ސްކޯއެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރާއްޖެ އަންނަނީ ދެ ޖިންސުގަ ހަމަހަމަކަމުގައި ސިއްހީ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން ސިއްހީ ރޭންކިންގައި ރާއްޖެ އޮތީ 121 ވަނައިގައެވެ.
ރިޕޯޓުގައިވާ ގޮތުގައި މިންތީގެ ހަމަހަމަކަން ރާއްޖޭގައި އޮތީ ތައުލީމު ހާސިލުކުރުމުގެ ދާއިރާއިން އެކަންޏެވެ. އެގޮތުން ދުނިޔޭގެ ރޭންކިން އަށް ބަލާއިރު، ތައުލީމީ ދާއިރާއިން ރާއްޖެ އޮތީ 91 ވަނައިގައެވެ. ނަމަވެސް ދުނިޔޭގެ ހުރިހާ ގައުމެއްގައި މިންތީގެ ހަމަހަމަކަން ގާއިމުކުރެވެން އެންމެ މަދުވެގެންވެސް 131 އަހަރު ނަގާނެ ކަމަށް ރިޕޯޓުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު