ގެއްލިގެން ހޯދަމުން އަންނަ ސަބްމެރިންގައި ބިލިއަނަރަކާއި މިލިއަނަރެެއް ދަތުރުކުރިކަމަށް ބައިނަލްއަގުވާމީ ނޫސްތަކުން ހާމަކޮށްފިއެވެ.
ފަސް މީހުންނާއެކު ޓައިޓޭނިކް ބަލަން ދަތުރު ފެށި ސަބްމެރިންއެއް ގެއްލިގެން އެޓްލާންޓިކް ކަނޑުގެ ބޮޑު ސަރަހައްދެއް ބެލުމަށް ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައެެވެ.
އެމެރިކާގެ ކޯސްޓްގާޑު އިސްނަގައިގެން އެޓްލާންޓިކް ކަނޑުގައި ކުރިޔަށްގެންދާ އެ އޮޕަރޭޝަންގައި ކެނެޑާއިން ވެސް ވަނީ ބައިވެރިވެފައެވެ. އެމެރިކާގެ ކޯސްޓްގާޑުގެ އޮފިޝަލަކު ވަނީ ގެއްލިގެން ހޯދަމުން އަންނަ ސަބްމެރިންގައި ފަސް މީހަކު ދަތުރުކުރިކަން ޔަގީން ވެފައިވާކަމަށް ބުނެފައެވެ.
ސަބްމެރިން އިން ދަތުރުކުރި މީހުންގެ ތެރޭގައި ޕާކިސްތާނުގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ މިލިއަނަރު ޝަހްޒާދާ ދާވޫދް ހިމެނޭކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައިވެއެވެ. 48 އަހަރުގެ ޝަހްޒާދާގެ އިތުރުން އޭނާގެ ފިރިހެންދަރިފުޅު، އުމުރުން 19 އަހަރުގެ ސުލައިމާން ވެސް ސަބްމެރިންގައި ދަތުރުކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގެއްލުނު ސަބްމެރިން އިން ދަތުރުކުރި މީހުންގެ ތެރެއިން ހަމިޝް ހާޑިން އަކީ އިނގިރޭސިވިލާތުގެ ބިލިއަނަރެއްކަމަށް އޭނާގެ އާއިލާއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ވަނީ ބުނެފައެވެ. ހާޑިންއަކީ މަޝްހޫރު އޭވިއޭޝަން ކުންފުނި އެކްޝަން އޭވިއޭޝަންގެ ޗެއާމަން އެވެ.
ސަބްމެރިން އިން ދަތުރުކުރި ފަސްމީހުންގެ ތެރޭގައި ދެން ހިމެނެނީ ފްރާންސްގެ ކަނޑުއަޑިއާއިބެހޭ ދިރާސާތައް ކުރާ މީހެއް ކަމަށްވާ އުމުރުން 77 އަހަރުގެ ޕައުލް ހެންރީއެވެ. އޭނާ އަކީ އެގައުމުގެ ނޭވީގައި ކޮމާންޑަރެއްގެ ގޮތުގައި މީގެ ކުރިން ހަރަކާތްތެރިވެފައިވާ މީހެކެވެ.
ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ދެން ހިމެނެނީ ސަބްމެރިން އޮޕަރޭޓިން ކުންފުނި އޯޝަން ގޭޓްގެ ފައުންޑަރ އަދި ސީއީއޯ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެޓްލާންޓިކް ކަނޑުގެ އަޑީގައި އޮތް ސަބްމެރިން ބެލުމަށް ސަބްމެރިންގައި ފެށި ދަތުރުގައި ކޮންމެ މީހެއްގެ އަތުން 250،000 އެމެރިކާ ޑޮލަރު ނަގާފައިވާކަމަށް ހާމަވެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ