ކުރިއަށް އޮތް ބޮޑު އީދު ޗުއްޓީއަށް މޯލްޑިިވިއަން އިން ބ. ފުޅަދުއަށް ސީޕްލޭން ދަތުރުތަކެއް ބާއްވަން ޝެޑިއުލްކޮށްފިއެވެ.
މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް މުޝްއިލް ސޮބާހު، މިއަދު "ވަން" އަށް ވިދާޅުވީ "ގޮއި ފުޅަ ފެހެންދޫ" އަކީ ރާއްޖޭގެ ބޮޑު ޓޫރިސްޓް އެޓްރެކްޝަނަށްވާ އިރު، ޗުއްޓީތަކަށް އެރަށްތަކަށް ޒިޔާރަތްކުރާ ދިވެހިންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށެވެ. އަދި މި ފްލައިޓްތަކަކީ ޑިމާންޑަށް ބެލުމަށްފަހު ދިވެހިންނަށް ހާއްސަކޮށްގެން ބާއްވާ ފްލައިޓްތަކެއް ކަމަށާއި މޯލްޑިވިއަންގެ އަމާޒަކީ އީދު ޗުއްޓީގައި "ގޮއި ފުޅަ ފެހެންދޫ" ސަރަހައްދުގެ ހިތްގައިމުކަން ތަޖުރިބާކޮށްލަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެންމެ ފުރިހަމަ ގޮތެއްގައި އެ ފުރުސަތު ފަހިކޮށްދިނުން ކަމަށް މުޝްއިލް ވިދާޅުވިއެވެ.
މޯލްޑިވިއަންގެ މި ދަތުރުތައް އޮންނާނީ ޖޫން 26، 27، 29 އަދި ޖުލައި 1 ވަނަ ދުވަހުއެވެ. އަދި މި ދަތުރުތަކުގައި ކޮންމެ ޕަސިންޖަރަކަށް 15 ކިލޯގެ ލަގޭޖް ގެންދެވޭނެ ކަމަށާއި ދަތުރުތަކުގެ ބުކިންއަށް މިހާރު ހުޅުވާލާފައިވާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
ގައުމީ އެއާލައިނުން ވަނީ ދާދި ފަހުން ބ. ދަރަވަންދުއަށް ވެސް ދަތުރުކުރަން ފަށައިފައެވެ. ނަމަވެސް އެ އަތޮޅު ފުޅަދޫ، ފެހެންދޫ އަދި ގޮއިދޫ އަކީ އަތޮޅުގެ ބޭރުން ވަކިން އޮންނަ ތިން ރަށަށް ވުމުން އެ ރަށްތަކަށް ދާންޖެހެނީ ލޯންޗު ކުއްޔަށް ނަގައިގެން ނުވަތަ ފެރީ އެއްގައެވެ.
ބ. އަތޮޅަކީ ރާއްޖޭގެ މަޝްހޫރު މަންޓާ ޕޮއިންޓް، "ހަނިފަރު ބޭ" އޮންނަ އަތޮޅެވެ. މަންޓާއަކީ ދިވެހިންގެ މެދުގައި މަގުބޫލު އެއްޗަކަށް ވެފައިވާ އިރު، އެ ސަރަހައްދުގެ ޓުއާ އޮޕަރޭޓަރުން ލަފާދޭ ގޮތުގައި ހަނިފަރަށް އެންމެ ގިނައިން މަންޓާ އަރަނީ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން އޮކްޓޯބަރު މަހާ ދޭތެރޭގައެވެ. އެހެންކަމުން މަންޓާތަކާ އެކު ފީނާލުމުގެ ތަޖުރިބާ ކޮށްލުމަށާއި ބ. އަތޮޅުގެ ގުދުރަތީ ރީތި މަންޒަރުތައް މަތިން ބަލައިލަން މިއީ ވަރަށް ރަނގަޅު ފުރުސަތެކެވެ. އެއީ ރާއްޖޭގެ ގުދުރަތީ ނަލަ މަންޒަރުތައް މަތިން، އެންމެ ފުރިހަމަކޮށް ބަލައިލަން އެންމެ "ސަޅިވާނީ" ސީޕްލޭނުން ކަމަށްވާތީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު