ފަތުރުވެރިންނަށް ޓައިޓޭނިކް ދައްކަން ދިޔަ ސަބްމެރިންއެއް ގެއްލިއްޖެއެވެ.

އެޓްލާންޓިކް ކަނޑުގެ 12،500 ފޫޓު އަޑީގައި އޮތް ޓައިޓޭނިކް ބެލުމަށް ދަތުރުކުރަމުން ދިޔަ ސަބްމެރިން ގެއްލުމުން އެ ސަބްމެރިން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ބޮސްޓަންގެ ކޯސްޓްގާޑުން ވަނީ ބުނެފައެވެ.

ގެއްލުނު ސަބްމެރިން އިން ދަތުރުކުރީ ކިހާ މީހުނެއް ކަމެއް އަދި ސާފު ނުވާކަމަށް ބޮސްޓަންގެ ކޯސްޓްގާޑުގެ އޮފިޝަލަކާ ހަވާލާދީ ބީބީސީން ބުނެފައިވެއެވެ.

އޯޝަން ގޭޓް އެކްސްޕެޑިޝަން ނަމަކަށްކިޔާ ކުންފުންޏަކުން އިންތިޒާމުކޮށްގެން ކުރި ދަތުރުގައި އެ ސަބްމެރިން، މީހުންނާއެކު ގެއްލިފައިވާކަމަށް އެ ކުންފުނިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އެ ކުންފުނިން ވަނީ ފަސް މީހުންގެ ޖާގައިގެ އެ ސަބްމެރިން ދަތުރަށް 250،00 ޑޮލަރު ނަގާފައެވެ. މިއީ ޖުމުލަ 8 ދުވަހުގެ ދަތުރެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

1912 ވަނަ އަހަރު އަޑިޔަށް ދިޔަ ޓައިޓޭނިކް ބޯޓުން ދަތުރުކުރި 2200 މީހުންގެ ތެރެއިން 1500 މީހުން ވަނީ މަރުވެފައެވެ.