އެހެންމީހެއްގެ އެހީތެރިކަމަކާ ނުލައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން އަމިއްލައަށް ވޯޓު ލެވޭގޮތް ހެދުމަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
އެހީތެރިޔަކާ ނުލައި ވޯޓު ލުމުގެ ހައްގު އެމީހުންނަށް ހޯދައިދިނުމަށް، ސަރުކާރުން އިސްލާހު ގެންނަން ހުށަހަޅާފައިވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 45 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް (ނ)ގެ ގޮތުގައި އަކުރެއް އިތުރުކުރުމަށާއި، 45 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރު ކުރުމަށެވެ.
ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ހުށަހެޅުއްވި މި ބިލުގައި ގާނޫނަށް އިތުރު ކުރަން ހުށަހަޅާފައިވާ އަކުރުގައި ބުނަނީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް އެދޭ ނަމަ، އެކަމަށް ބޭނުންވާ ޓެމްޕްލޭޓް ބޭނުން ކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަޖެހިދާނެ ކަމަށެވެ.
ގާނޫނަށް 45.1 މާއްދާގެ ގޮތުގައި އިތުރު ކުރަން ހުށަހެޅި އިސްލާހުގައި ވަނީ ވޯޓުލަން ބޭނުންކުރާ ޓެމްޕްލޭޓަކީ، ވޯޓު ކަރުދާސް އޭގެ ތެރެއަށް ލައިގެން، ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ވަސީލަތެއް ކަމަށެވެ. އެ ޓެމްޕްލޭޓް އޮންނަންވާނީ ވޯޓު ކަރުދާހާ އެއްވަރަށް، އަދި ޓެމްޕްލޭޓްގެ ތެރެއަށް ވޯޓު ކަރުދާސް ލުމުން ނުގުޑާނެގޮތަށް، ކޮންމެ ކެންޑިޑޭޓެއްގެ ކެންޑިޑޭޓް ނަންބަރު ޓެކްޓައިލްކޮށްފައި، ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ފާހަގަ ޖަހަން ޖެހޭ ގޮޅިއާ ދިމާލުގައި ފާހަގަޖެހޭ ގޮތަށް، ކެނޑުމެއް ހިމަނައިގެން ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތަށް ވޯޓު ކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށްޓަކައި ހަމަޖައްސަން ޖެހޭ އިންތިޒާމުތައް، މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާގޮތަށް ވޯޓުލާ ކޮންމެ މަރުކަޒެއްގައި އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ ޓެމްޕްލޭޓް ބޭނުންކޮށްގެން، ވޯޓުލާން އެދޭ ފަރާތްތަކަށް އެ ބޭނުން ކުރުމަށް ދޭން ޖެހޭ އިރުޝާދު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާގޮތުގެމަތިން އިލެކްޝަން ކޮމިޝަނުން ދުރާލައި ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި، ގާނޫނުގައިވާގޮތުގެމަތިން ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމާއެކު، އެއިން ކޮންމެ ކެންޑިޑޭޓަކަށް ކަނޑައެޅިފައިވާ ނަމްބަރު އެނގޭނެހެން އެ ކެންޑިޑޭޓެއްގެ މައުލޫމާތު، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭހަވާނެ ފަދައަކުން އާއްމުކޮށް ފޯރުކޮށްދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އިސްލާހުގައި ބުނެފައިވާ ގޮތުން، ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން އެދޭ ފަރާތްތަކަށް ހަމަޖައްސައިދޭން ޖެހޭ އިންތިޒާމުތައް ހަމަޖައްސައިދީ، އެ ޓެމްޕްލޭޓް ބޭނުން ކުރުމުގައި ދޭންޖެހޭ އިރުޝާދު ދިނުމަށްޓަކައި، ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންނަށް އެކަށީގެންވާ ތަމްރީން އިލެކްޝަންސް ކޮމިޝަނުން ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ. ބިލުގައި ބުނާގޮތުން އެފަދަ ފަރާތްތައް ވޯޓުލުމަށް، ވޯޓު ކަރުދާސް ދޫކުރަން ޖެހޭނީ އެ ޓެމްޕްލޭޓް ތެރެއަށް ލުމަށްފަހު، އެއާއެކުއެވެ.
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތް ވޯޓު ކަރުދާސް އަދި ޓެމްޕްލޭޓް ދޫކުރުމަށްފަހު، އޭނާ ވޯޓިން ބޫތަށް ދާ ވަގުތުން ފެށިގެން ވޯޓު ކަރުދާހުގައި ފާހަގަޖަހައި ވޯޓު ފޮއްޓަށް އެ ވޯޓު ކަރުދާސްކޮޅު ވައްޓާލަންދެން އިލެކްޝަންސް ކޮމިޝަން ގެ އެއްވެސް އޮފިޝަލަކު ނުވަތަ އެ ނޫންވެސް މީހަކު އެ ތަނުގައި ހާޒިރުވެ ހުރެގެން ނުވާނެ ކަމަށް މި އިސްލާހުގައި ބުނެފައިވެއެވެ. އަދި އެ ފަރާތެއްގެ ވޯޓުގެ ސިއްރުކަން ގެއްލޭނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ. އޭނާ ވޯޓު ފޮއްޓަށް ވޯޓުލާން ދާންވާނީ، ޓެމްލޭޓުން ވޯޓު ކަރުދާސްކޮޅު ނެގުމަށްފަހު، ވޯޓުގެ ސިއްރުކަން ނުގެއްލޭގޮތަށް ވޯޓު ކަރުދާސްކޮޅު ފަށްޖަހައިގެން ކަމަށް ވެސް ބުނެފައިވެއެވެ.
މި ބިލް މަޖިލީހުން ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެރެއިން 51 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު