އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް" ގެ ދަށުން ތައާރަފުކޮށްފައިވާ ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑަށް އެދި ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެލައިޑްގެ ކޮމިއުނިޓީ ފަންޑަކީ ހަ ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމައަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ. އެގޮތުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، ތައުލީމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.

އެލައިޑުގެ ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 15 އޮގަސްޓް 2023 ގެ ނިޔަލަށެވެ. މި ފަންޑަށް އެދި [email protected] އަށް އީމެއިލްކޮށް އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާ ހަތަރު ފަރާތަކަށް 50،000ރ ފައިސާގެ އެހީ ލިބޭނެ ކަމަށް އެލައިޑުން ބުންޏެވެ.

އެލައިޑްގެ އެޑިޔުކޭޝަން ފަންޑަކީ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތަކަށް ހިތްވަރުދޭ ފަންޑިންގ ޕްރޮގްރާމެކެވެ. މި ފަންޑަށް އެދި ހުށަހެޅުމުގެ ސުންގަޑިވެސް ހަމަވާނީ 15 އޮގަސްޓް 2023 ގެ ނިޔަލަށެވެ. އެލައިޑުން ބުނީ މި ފަންޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަށް ފަރާތެއް ހޮވައި ކޮންމެ ފަރާތަކަށް 25،000ރ ގެ ފައިސާ އެހީ ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ. މި ފަންޑަށް ހުށަހަޅާ ފަރާތްތަކުން [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށައެޅޭނެ އެވެ.

އެލައިޑުން ފާހަގަކުރާ ގޮތުގައި މި ފަންޑިން ޕްރޮގްރާމްތަކަކީ ވަރަށް އުއްމީދާއި އެކު އެކުންފުނިން ފަށާފައިވާ މަސައްކަތެކެވެ. އެގޮތުން މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި މިފަހަރުގެ ވެސް އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ފަރާތްތަކަށް އެމުޖުތަމައެއްގައި ފާހަގަވެފައި ހުރި ކަންކަން ރަނގަޅުކުރުމަށް މާލީގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލެވޭނެ މަގެއް ފޯރުކޮށްދިނުން ކަމަށް އެލައިޑުން ބުންޏެވެ.

އޭގެ އިތުރުން މި ޕްރޮގްރާމްތައް މެދުވެރިކޮށް ރައްޔިތުން ބާރުވެރިވެ ދުޅަހެޔޮ މުޖުތަމައުތަކެއް އުފަންވާ މަންޒަރު ފެނިގެން ދިޔުމަކީ މިޕްރޮގްރާމް ކުރިޔަށްގެންދިޔުމަށް ލިބުނު ހިތްވަރެއް ކަމަށްވެސް އެކުންފުނިން ބުންޏެވެ. މިޕްރޮގްރާމްތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު https://allied.mv/csr އިން ލިބޭނެ ކަމުގައި ފިރުޝާން ވިދާޅުވިއެވެ.

2018ވަނަ އަހަރު ލޯންޗްކޮށްފައިވާ "ޕްރިމިއަމް ފޯ ގުޑް"އަކީ އެލައިޑްގެ އިޖްތިމާއީ ޒިންމާއަށް ހާއްސަ އިސްނެގުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްގެންދިޔުމަށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ. އެގޮތުން ޔޫއެންގެ ދެމެހެއްޓެނިވި ތަރައްގީއަށް ވާގިވެރިވާ މިއޮނިގަނޑުގެ ދަށުން، އެލައިޑުން ދަނީ ތިމާވެއްޓާއި ރައްޓެހި ހެޔޮ ބަދަލުތައް ގެނައުމުގައާއި ރަނގަޅު ތައުލީމީ ނިޒާމެއް ބިނާކުރުމުގައި ކާމިޔާބު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.