މާލޭގެ ގެއެއްގެ ތެރޭގައި ތިން މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައި، ކުޑަކުއްޖާ އާއިލާއާ ހަވާލުކޮށްފިއެވެ،

ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނުކޮށްފައި ތިބި ކަމަށް އިއްޔެ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެތަނަށް ގޮސް ބާރުގެ ބޭނުންކޮށްގެން އެތަނުގެ ތެރެއަށް ވަދެ އެތަނުގައި ރަހީނުކޮށްފައި ތިބި ތިން ދިވެހިން ވަނީ ސަލާމަތްކޮށްފައެވެ.

އެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ އިރު، ފަރުވާއަށް ފަހު މީހާރު ވަނީ ދޫކޮށްލައިފައެވެ.

އެ މައްސަލައިގައި އިއްޔެ ވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 18 އަހަރުން މަތީގެ މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި 18 އަހަރުން ދަށުގެ ކުއްޖާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ މީހުން ރަހީނުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ.