ގްރީސް ކައިރިއަށް ބަންޑުން ޖަހާލި ބޯޓުގައި ތިބި 500 އަށްވުރެ ގިނަ މީހުން އަދިވެސް ނުފެންނަ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފިއެވެ.

ލީބިއާއިން ފުރައިގެން އިޓަލީއަށް ގަވާއިދާ ހިލާފަށް ދަތުރުކުރަމުން ދިޔަ ހިޖުރަވެރިންގެ ބޯޓު ބަންޑުން ޖަހާލާފައިވަނީ ގްރީސްއާ 50 ނޯޓިކަލް މޭލު ބޭރުން ކަމަށް ގްރީސްގެ ކޯސްޓްގާޑުން ބުނެފައިވެއެވެ.

އެ ބޯޓުން ދަތުރުކުރި 500 އަށްވުރެ ގިނަ މީހުން ގެއްލިފައިވާއިރު މިހާތަނަށް 78 މީހަކު މަރުވެފައިވާކަމަށް އޮފިޝަލުން ހާމަކޮށްފައިވެއެވެ. ގެއްލިފައިވާ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދީންނާއި އަންހެނުން ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

104 މީހުން މިހާތަނަށް ސަލާމަތް ކޮށްފައިވާއިރު ބޯޓުން ދަތުރުކުރީ ކިތައް މީހުންކަމެއްވެސް އަދި ދެވެގަނެވިފައެއް ނުވެއެވެ. ކޯސްޓްގާޑުން މިހާތަނަށް އެއްކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، 750 އަށްވުރެ ގިނަ މީހުން އެ ބޯޓުން ދަތުރުކޮށްފައިވެއެވެ.

ބޯޓުން ސަލާމަތްވި މީހުން މިހާރުވަނީ ބައިތިއްބާފައި ތިބީ ގްރީސްގައި ހުންނަ އިމިގްރޭޝަން ސެންޓަރެއްގައެވެ.