މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސީ) ގެ މެރިޓް އެވޯޑް ސްޕޮންސާ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެކަމަށްޓަކައި އިއްޔެ އެމްއޭސީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން އެ ފަހުމުނާމާގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި އެމްޑީ މަހްޖޫބު ޝުޖާއުއެވެ. ސީއެޗްއެސީގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް އާއިޝަތު ސަފޫރާއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ މަހްޖޫބު ޝުޖާއު ވިދާޅުވީ އެ އެވޯޑުގެ އަމާޒަކީ ކުދިންގެ ކިޔެވުމުގައި ހޯދާ ކާމިޔާބީ ފާހަގަކުރުމުގެ އިތުރުން މިފަދަ ކާމިޔާބީ ހޯދާ ދަރިވަރުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.

އަދި އެމްއޭސީއެލްގައި އެ ދަރިވަރުންނަށް ވަޒީފާގެ ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދިނުމަކީ އެމްއޭސީއެލްގެ މުހިންމު މަގުސަދެއް ކަމަށާއި އުންމީދު ކުރަނީ ކިޔަވާ ނިންމުމަށްފަހު އެމްއޭސީއެލްގެ ވަޒީފާއާ ގުޅޭ ދަރިވަރުންގެ ނިސްބަތް އިތުރުވެގެން ދިޔުން ކަމަށް ވިދާޅުވިއެވެ.

އެމްއޭސީއެލްއިން ބުނީ އެ ފަހުމުނާމާއަކީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ހިމެނިގެން ތައުލީމީ ދާއިރާގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އެ ފަހުމުނާމާގެ ދަށުން ސީއެޗްއެސްއީގެ ގްރޭޑް 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ފާސް ހޯދާ ދަރިވަރުންނަށް ހިތްވަރު ދިނުމާ އެކު އިތުރު ފުރުސަތުތައް ފަހިކޮށްދެވޭނެއެވެ. އެގޮތުން އެމްއޭސީއެލްއިން ވަނީ ތިން އަހަރު ދުވަހަށް މެރިޓް އެވޯޑް ސްޕޮންސާ ކޮށްފައެވެ.

"އެމްއޭސީއެލް މެރިޓް އެވޯޑްގެ" ދަށުން ސީއެޗްއެސްސީގެ ގްރޭޑް 11 ގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އަންހެން ދެ ދަރިވަރުން އަދި ފިރިހެން ދެ ދަރިވަރަކަށް ކޮންމެ އަހަރަކު މި އެވޯޑް ލިބިގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.