މިއަހަރުގެ ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސް 2023ގައި ރާއްޖެ ތަމުސީލުކުރާ ޓީމަށް ދިރާގުން ޖާޒީއާއި ޓްރެވެލް ކިޓް ހަދިޔާކޮށްފިއެވެ.
ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއަކީ ހާއްސަ އެހީއަށް ބޭނުންވާ އެތުލީޓުން، އެކި ކުޅިވަރުތަކުގައި ވާދަކުރާ ދުނިޔޭގެ އެންމެ ބޮޑު އިންކްލޫސިވް ސްޕޯޓްސް އިވެންޓެވެ. މި މަހުގެ 17-25 އަށް ޖަރުމަންގެ ވެރިރަށް ބާލިންގައި އޮންނަ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއަށް ދާ ދިވެހި އެތުލީޓުން ބައިވެރިވަނީ ދުވުމާއި ބެޑްމިންޓަންގައެވެ.
މޯލްޑިވްސް ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މުބާރާތުގެ ޖާޒީ ޓީމާ ހަވާލުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފެވެ. ޖާޒީއާއި ޓްރެވެލް ކިޓް ޓީމާ ހަވާލުކޮށްދެއްވީ ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޗެއާޕާސަން، އައިމިނަތު ޝައިނާ އަބްދުﷲ ވަނީ ވޯލްޑް ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ޓީމަށް ދިރާގުން ފޯރުކޮށްދިން އެހީތެރިކަމަށާއި އަދި ވޭތުވެދިޔަ އަހަރުތަކުގައިވެސް އެ ކުންފުނިން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރެއް އަދާކުރައްވައިފައެވެ.
''ވަކިން ހާއްސަކޮށް، ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ފާހަގަކޮށްލަން ބޭނުން. އެ ފެސްޓިވަލަކީ އަޅުގަނޑުމެންގެ ވަރަށް ގިނަ އެތުލީޓުންނަށް ކުޅިވަރުގެ މާހައުލަށް ނުކުތުމަށާއި މިކަމުގައި އަމިއްލަ ނަފްސަށް އިތުބާރުކުރުމަށް ދަސްކޮށްދިން ހަރަކާތެއް." ޝައިނާ ވިދާޅުވިއެވެ.
ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު ރިޔާޒު ވިދާޅުވީ މުޅި މުޖުތަމައު ޝާމިލުވާ ގޮތަށް ބާރުވެރިކުރުމަކީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގުރާމުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އެގޮތުން މި އަހަރުގެ ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްގައި ރާއްޖޭއިން ބައިވެރިވާ ޓީމަށް ސަޕޯޓްކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު