ކުލީގެ ގޮތުގައި ލިބެން ޖެހޭ ހަތަރު މިލިއަން ރުފިޔާ ހޯދަން ކ. ދިއްފުށި ކައުންސިލުން، މަސައްކަތް ކޮށްފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އިއްޔެ އާންމުކުރި ދިއްފުށި ކައުންސިލްގެ 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް ރިޕޯޓުގައި ބުނީ މާލިއްޔަތު ގަވާއިދުގައި ދައުލަތުގެ އޮފީސްތަކަށް ލިބެން ޖެހޭ ފައިސާ ހޯދުމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވާ ކަމަށާއި އެގޮތުން ފައިސާ ދެއްކުމަށް ކަނޑައަޅައިފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، ހަތް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ހަދާންކޮށްދީ ސިޓީއެއް ފޮނުވަން ޖެހޭނެ ކަމަށެވެ.
ހަތް ދުވަހުގެ ތެރޭގައިވެސް އެ ފައިސާ ނުދައްކައިފިނަމަ އިތުރު ހަތް ދުވަސް ދޭން ވާނެ ކަމަށާއި އެ މުއްދަތުގައި ވެސް ފައިސާ ނުލިބިއްޖެނަމަ ޝަރީއަތަށް މައްސަލަ ހުށަހަޅަންވާނެކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
"ނަމަވެސް ދިއްފުށި ކައުންސިލް އިދާރާއިން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން ލިބެން ޖެހޭ 4،442،394 ރުފިޔާ ހޯދުމަށް އިސްވެ ބަޔާންކުރެވުނު ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައި ނުވެއެވެ" އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ ނުލިބި ހުރި ފައިސާގެ ތެރެއިން 3,849,072 ރުފިޔާއަކީ ނުހޯދިދެ އަހަރުވެފައިވާ ރުފިޔާ ކަމަށާއި 451,668 ރުފިޔާއަކީ އެއް އަހަރާއި ތިން މަސްވިއިރުވެސް ކައުންސިލަށް ހޯދިފައި ނުވާ ފައިސާ ކަމަށެވެ. އަދި 139,294 ރުފިޔާއަކީ ދެމަސް ދުވަސް ވީއިރުވެސް ލިބިފައި ނުވާ ފައިސާ ކަމަށާއި ކައުންސިލަށް ލިބެން ޖެހޭ 2،360 ރުފިޔާ ނުހޯދި އެއް އަހަރާއި ދެމަސް ވެފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ އެ ހުރިހާ ފައިސާއެއް ހޯދުމަށް ކައުންސިލަށް އަންގައިފައެވެ.
ދިއްފުށި ކައުންސިލުން މާލިއްޔަތު ގަވާއިދާ އެއްގޮތަށް އެ ކައުންސިލްގެ ހަރުމުދާ ބަލަހައްޓާފައި ނުވާކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު