ރާއްޖެއާއެކު މުދަލުގެ ފްރީ ޓްރޭޑް އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް މިއަދު ފަށައިފައިވާކަން އިނގިރޭސި ވިލާތުން ބުނެފި އެވެ.

އިނގިރޭސި ސަރުކާރުގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ރާއްޖެއަކީ މި ވަގުތު ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ސޮއި ކޮށްފައިނުވާ އަދި ޕްރިފަރެންޝަލް މާކެޓް އެކްސެސް ނުލިބޭ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

މި ފްރީ ޓްރޭޑް އެއްބަސްވުން ގާއިމުކުރުމަށް ޓަކައި އެގައުމުން މިއަދު ހިޔާލު ހޯދުމުގެ މަޝްވަރާތައް ފަށާފައިވާއިރު އެ މަޝްވަރާތަކަށް ޔޫކޭގެ ވިޔަފާރިތަކަށާއި ޖަމިއްޔާތަކާއި އާއްމުންނަށްވެސް ވަނީ ދައުވަތު ދީފައެވެ. މި މަޝްވަރާތައް 8 ހަފުތާއަށް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައިވާކަމަށް އެ ވެބްސައިޓުގައި ވަނީ ބުނެފައެވެ.

ޔޫކޭއިން ބުނީ ހިޔާލުހޯދުމަށް ކުރިއަށްގެންދާ މި މަޝްވަރާތަކުގެ ސަބަބުން އެގައުމުގެ ވިޔަފާރިތަކުން ރާއްޖެއަށް މުދާ އެތެރެކުރުމަށް ހުރި ވިޔަފާރީގެ ހުރަސްތައް ދެނެގަތުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މި ފްރީ ޓްރޭޑް އެއްބަސްވުން އެކުލަވައިލުމަށް ޔޫކޭއިން މިއަދު ފެށި މަސައްކަތަށް ދިވެހި ސަރުކާރުން ވަނީ މަރުހަބާ ކިޔާފައެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިގުތިސާދުގެ ވާދަވެރިކަން ހަރުދަނާކޮށް، ދިވެހި ވިޔަފާރިތަކަށް ރަނގަޅު މާކެޓް ފުރުސަތުތަކެއް ފަހިކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ދިވެހި ސަރުކާރުން ވަނީ އިނގިރޭސިވިލާތާ އެކު މަޝްވަރާތައް އަމަލީގޮތުން ކުރިއަށް ގެންގޮސް، އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ 20 ޕަސެންޓް ޓެރިފް އުވާލުމަށް މަސައްކަތްކޮށްފައި ކަމަށްވެސް ބުންޏެވެ.

ރައީސް އޮފީހުގެ އެބަޔާނުގައި އިތުރަށް ބުނީ މި މަޝްވަރާތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއިން އިގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުގެ ޓެކްސްގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ސަރުކާރުން މަސައްކަތް ކުރަނީ އިނގިރޭސިވިލާތަށް ވިޔަފާރިކުރާ މުދަލަށް އިސްކަންދީ، ޓެރިފްތައް ނައްތާލުމަށް ކަމަށާއި މީގެ ސަބަބުން ރާއްޖެއާއި އިނގިރޭސި ވިލާތާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިގުތިސާދު ކުރިއަރާ އަމިއްލަ ފުދުންތެރިކަން އިތުރުވެ ދެ ގައުމުގެ ދެމެދު ކުރާ ވިޔަފާރި ކުރިއަށްވުރެ އިތުރުވެގެންދާނެ ކަމަށްވެސް ބުންޏެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 31 ޖެނުއަރީ 2020 ގައި ވަކިވުމާ ގުޅިގެން އިނގިރޭސިވިލާތުން އަންނަނީ އާ އެއްބަސްވުންތައް ގާއިމުކުރުމަށާއި އީޔޫގެ ކުރީގެ ވިޔަފާރީގެ އެއްބަސްވުންތަކުގެ ބަދަލުގައި ޓެރިފް އަދި ޓެރިފް ނޫން ވިޔަފާރިތަކަށް ހުރި ހުރަސްތައް ނައްތާލުމަށް ނުވަތަ ކުޑަކުރުމަށް ފްރީ ޓްރޭޑްގެ ގިނަ އެއްބަސްވުންތަކަކާ ބެހޭ މަޝްވަރާތައް ކުރަމުންނެވެ. މި އަހަރުގެ މެއި މަހުގެ ނިޔަލަށް އިނގިރޭސިވިލާތުން ވަނީ 38 އެކްޓިވް ފްރީ ޓްރޭޑް އެގްރީމެންޓެއް ހަދާފައެވެ. އޭގެ ތެރެއިން ތިން އެއްބަސްވުމަކީ އީޔޫ އިން ވަކިވުމަށްފަހު އެގައުމުން ގާއިމުކުރި އާ ވިޔަފާރީގެ އެއްބަސްވުންތަކެވެ.