ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގު ބޮޑުވަމުން ދިއުން ކޮންޓްރޯލް ކުރުމަށް ގޮވާލައި، އިދިކޮޅު ޕީއެންސީގެ މެންބަރު މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހަޅުއްވަމުން މެންބަރު ޝަރީފް ވިދާޅުވި، ޖީއެސްޓީ ބޮޑު ކުރުމާއެކު ދިވެހިންގެ ދިރިއުޅުމުގައި އާއްމުކޮށް ބޭނުންކުރާ ކާބޯތަކެއްޗާއި މުދަލާއި ހިދުމަތުގެ އަގު މިދިޔަ ޖެނުއަރީ މަހުން ފެށިގެން ހަތް އިންސައްތަ ބޮޑުވެފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުގެ ތެރޭގައި 7.82 އިންސައްތަ އިތުރުވެ، ނިސްބަތުން ވޭތުވެދިޔަ އަހަރު ތެރޭގައި 75 އިންސައްތަ އަށްވުރެ މައްޗަށް އިންފްލޭޝަން އުފުލާފައިވާ ކަމަށާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އަގުތައް 4.3 އިންސައްތައިން ބޮޑުވެފައިވާކަން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާއްމު ކުރި ތަފާސް ހިސާބުތަކުން ހާމަވާ ކަމަށެވެ.
"ރައްޔިތުން ކަންބޮޑުވާ މިންވަރަަށް ރާއްޖޭގެ އިންފްލޭޝަން އުފުލެމުން ދިއުމާއި ރާއްޖޭގައި އުފައްދާ ތަކެތީގެ އަގުތަކާއި ހިދުމަތުގެ އަގުތައް އުފުލެމުންދާ ހިނދު ލިބޭ އާމްދަނީން ދެކޮޅު ނުޖެހި، ރައްޔިތުންގެ ގިނަ ބަޔަކަށް އާމްދަނީ އިތުރުކުރެވޭނެ މަގުތަކެއް ފެންނަން ނެތުމާއި ޖޫރިމަނާ އާއި އެހެނިހެން ނަންތަކުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދޭ،"
އެހެންކަމުން ބޮޑުކުރި ޖީއެސްޓީ އަލުން މުރާޖައާ ކުރުމަށާއި ސަރުކާރުން ހިންގާ ސާވާ ކުންފުނިތަކުގެ ހިދުމަތުގެ އަގު ހެޔޮކޮށް، ރައްޔިތުންގެ އަތް ނުފޯރާ ހިސާބުގައި ހުރި މުދަލުގެ އަގުތައް ކޮންޓްރޯލް ކުރެޥޭގޮތަކެއް ސަރުކާރުން ރާވައި މުދަލާއި ހިދުމަތުގެ އަގު ރައްޔިތުންގެ އަތްފޯރާ ފަށުގައި ހިފެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މި ގަރާރުގައި ސަރުކާރަށް ވަނީ ގޮވާލައިފައެވެ.
މި ގަރާރު މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި، ބިލް މަޖިލީހަށް ބަލައިގަންނަން ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ތެރެއިން 15 މެންބަރުންނެވެ. ގަރާރު ބަލައިނުގަތުމަށް 28 މެންބަރުން ވޯޓު ދެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު