ހއ. ފިއްލަދޫގެ ގެއެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި، މުޅި ގެ އަނދައި ހުލިވެއްޖެއެވެ.

ފިއްލަދޫ ކައުންސިލް ރައީސް ފަތުހުﷲ ހަސަން "ވަން" އަށް މިއަދު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 1:00 ހާއިރު، އެރަށު ހިތަށްފިނިވާގޭގައި ކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކަރަންޓް ޝޯޓެއް ވެގެން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޭގައި ދިރިއުޅޭ، އެގޭ މީހަކާ އިނދެގެން އުޅޭ ޖަޕާން އަންހެން މީހާއަށް ހޫނުވާތީ ހޭލެވުނީ. ހޭލެވުނުއިރު ގޭގައި އަލިފާން ރޯވެފައިވަނީ. އޭނާ އެ ގޭގެ ހުރިހާ އެންމެނަށް ގޮވައިގެން ބޭރަށް ނެރުނީ، ޝޯޓެއް ވެގެން ރޯވީ. ސާކެޓާ ދިމާލުން ރޯވީ ކަމަށް. ދެން ސީލިންގުގަ އެންމެ ފަހުން ހިފައިގެން މުޅި ގޭގައި ރޯވީ،" ފަތުހުﷲ ވިދާޅުވިއެވެ.

އެގޭގައި އެވަގުތު ހަތް މީހުން ދިރިއުޅެމުން ދިޔަ ކަމަށާއި އޭގެ ތެރޭގައި ތިން ކުޑަކުދިންނާއި 65 އަހަރުން މަތީގެ ދެ މީހުންވެސް ހިމެނޭ ކަމަށެވެ. އެ އެންމެންވެސް ސަލާމަތުން އެ ގެއިން ނެރެފައިވާ ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފަތުހުﷲ ވިދާޅުވިއެވެ.

ފަސް ވަރަކަށް ކޮޓަރި ހުންނަ އެ ގޭގައި ރޯވި އަލިފާންގަނޑު ނިއްވައިލުމަށްޓަކައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި ކަމަށާއި އަލިފާންގަނޑު ނިއްވައިލެވުނީ ދަންވަރު 2:30 ހާއިރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މުޅި ގެ އެއްކޮށް އަނދައި ހުލިވެފައި ވަނީ. ބޭނުން ކުރެވޭނެ އެއްވެސް އެއްޗެއް ނެތް. ހުރިހާ ތަކެއްޗެއް ހުރީ އެއްކޮށް އަނދައި ހުލިވެފަ. އެގޭގަ ދިރި ނޫޅެވޭ ވަރު ވެފަ ހަމަ ހުރީ. އަލުން ހުރިހާ ސާމާނު ހޯދަން ޖެހިފައިވަނީ،" ފަތުހުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ރަށުގެ ރައްޔިތުންނާއި ކައުންސިލުން ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ އާއިލާއަށް އެރަށުގެ ގެއެއް ހަމަޖައްސައި ވަގުތީ ހިޔާއެއް ފޯރުކޮށްދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކައުންސިލް ރައީސް ވިދާޅުވީ އެ އާއިލާއަށް ބޭނުންވާ ޒަރޫރީ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރަށް އައިޑީ ކާޑު ހެއްދުމާއި އެހެނިހެން ކަންކަން ހަމަޖެއްސުމުގެ މަސައްކަތްވެސް ކައުންސިލުން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން މިއަދު ބުނީ ފިއްލަދޫ ހިތަށްފިނިވާގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ ގޭގައި ދިިރިނޫޅެވޭ ވަރަށް އަނދައިގެން ގޮސްފައިވާތީ، އެ އާއިލާއަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އާއިލާ މިވަގުތު ތިބީ ކައުންސިލް އިދާރާގެ ބެލެމުގެ ދަށުން ވަގުތީ ހިޔަލުގައި ކަމަށްވެސް ބުންޏެވެ.