ފިއޮންޓީ ނެޓްބޯލް އެކަޑަމީގެ މިއަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަޖައްސައިފިއެވެ.
ފިއޮންޓީ އެކަޑަމީއަކީ 370 އަށް ވުރެ ގިނަ ކުޅުންތެރިންނާ އެކު ކުރިއަށް ގެންދާ ނެޓްބޯޅަ އެކަޑަމީއެކެވެ.
ދިރާގުން މިއަދު ބުނީ މި ޕާޓްނާޝިޕް މެދުވެރިކޮށް ފިއޮންޓީ ނެޓްބޯލް އެކަޑަމީން ކޮންމެ އަހަރަކު އިންތިޒާމްކޮށް ކުރިއަށްގެންދާ "ނެޓްބޯލް ފިއެސްޓާ" ބޭއްވުމަށް އެކުންފުނިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި 12 އަހަރުން ދަށް އަދި 14 އަހަރުން ދަށުގެ ކުދިންގެ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތްތައް ބޭއްވުމަށްވެސް އެ އެކަޑަމީއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ދިރާގުން ބުންޏެވެ.
މި ޕާޓްނާޝިޕާ ގުޅޭގޮތުން ދިރާގުގެ އެސިސްޓެންޓް ބްރޭންޑް މެނޭޖަރު، ނާޔާ ޝަރީފް ވިދާޅުވީ ފިއޮންޓީ ނެޓްބޯލް އެކަޑަމީގެ ޑިޖިޓަލް ޕާޓްނަރަކަށްވެ، ރާއްޖޭގައި ނެޓްބޯޅަ ކުރިއެރުވުމަށް އަމަލީގޮތުން އެއްބާރުލުންދިނުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދިރާގުގެ އުންމީދަކީ މި ޕާޓްނާޝިޕް މެދުވެރިކޮށް އާ ހުނަރުވެރި ނެޓްބޯޅަ ކުޅުންތެރިންތަކެއް އުފެދި، މި ކުޅިވަރު އިތުރަށް ކުރިއަރައި ދިޔުން ކަމަށްވެސް ވިދާޅުވިއެވެ.
މުޖުތަމައުގެ ކުޅިވަރު ކުރިއެރުވުމަށް ދިރާގުން ވެދޭ އެހީތެރިކަމަށް ޝުކުރު ދަންނަވަމުން ފިއޮންޓީ ނެޓްބޯލް އެކަޑަމީގެ ފައުންޑާ އައިޝަތު ނާޒިމާ ވިދާޅުވީ މި ޕާޓްނާޝިޕް މެދުވެރިކޮށް ޒުވާން ނެޓްބޯޅަ ކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖުތިމާއީ ހަރަކާތްތައް ކުރިއަރުވައި އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ، މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު