ނ. ލަންދޫ ކައުންސިލްގެ ލޮރީގައި ބަޔަކު ރޯކޮށްލައިފިއެވެ.

ލަންދޫ ކައުންސިލުގެ ނައިބު ރައީސް މަންސޫރު މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ, އެ ލޮރީގައި ރޯކޮށްލީ ރޭ ފަތިހު 3:50 ހާއިރު ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި ސަރުކާރުން ލަންދޫއަށް ފޮނުވި ބްރޭންޑް ނިއު އެ ލޮރީއަކީ އަންނަ މަހު އެ ރަށުގައި ފަށާ ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ބޭނުންކުރަން ލިބުނު ލޮރީއެއް ކަމަށާއި ލޮރީގެ އަގަކީ 480,000 ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.

މަންސޫރު ވިދާޅުވީ, އެ ލޮރީ އާންމުކޮށް ބާއްވާފައި އޮންނާނީ ކައުންސިލުގެ ގޯތިތެރޭގައި ކަމަށެވެ. ލޮރީގައި ބަޔަކު ރޯކޮށްލީ ކައުންސިލް ގޯތިތެރޭގައި މަސައްކަތެއް ކުރާތީ, އިދާރާއާ ޖެހިގެން އޮތް ހުސްބިމުގައި ލޮރީ ބާއްވާފައި އޮއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ, ލޮރީގައި ރޯކޮށްލި މަންޒަރު ސީސީޓީވީ ކެމެރާއަށް އަރާފައި ނުވި ނަމަވެސް އެކަން ކުރި ކަމަށް ތުހުމަތުވާ މީހާ އެތަނުން ނުކުމެގެންދާ ތަން ކެމެރާއަށް އަރާފައިވާ ކަމަށެވެ. ނަމަވެސް އެ ވީޑިއޯއިން އެއީ ކާކުކަން ސާފުނުވާ ކަމަށާއި އެ ވީޑިއޯ ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މަންސޫރު އިތުރަށް ވިދާޅުވީ, ލޮރީގައި ބަޔަކު ގަސްދުގައި ރޯކޮށްލި ނަމަވެސް އެކަން ކުރި ކަމަށް ތުހުމަތުވާ މީހަކު އަދި ނެތް ކަމަށެވެ.