ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިރު، އޭގައި އެ ޕާޓީގެ ފަސް މެންބަރަކު ސޮޔެއް ނުކުރައްވައެވެ.
ނާއިބު ރައީސްކަމުން އީވާ ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 50 މެމްބަރެއްގެ ސޮޔާއެކުގައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 49 މެންބަރުންނާއި، އަމިއްލަ މެންބަރެއް ކަމަށްވާ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދެވެ.
ނަމަވެސް އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ފަސް މެންބަރަކު ސޮޔެއް ނުކުރައްވައެވެ.
- ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް
- ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު
- ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް
- ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
- މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް
އެ މެންބަރުން ފޯނު ނުނަންގަވާތީ، އޭގައި ސޮއި ނުކުރެއްވި ސަބަބު ވަނީ އޮޅުންފިލާގޮތް ނުވެފައެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި މިވަނީ، އެމްޑީޕީގައި ކުރިން ތިއްބެވި 12 މަޖިލިސް މެންބަރުންނާ އެކު އެ ޕާޓީން ވަކިވެ، "ދަ ޑިމޮކްރެޓްސް" ޕާޓީގެ ނަމުގައި އާ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނިކޮށެވެ.
އެމްޑީޕީން ވަކިވުމާއެކު އީވާ ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު އީވާވެސް މަޖިލީހުގެ ގަވާއިދާ ތަކުރާރުކޮށް ހިލާފުވާ ކަމަށްވެސް އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ ތުހުމަތުކޮށްފައެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރުމަށް މަޖިލީހުގައި ހިމެނޭ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓު ބޭނުންވެއެވެ. އެހެންކަމުން އީވާގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މަޖިލީހުގެ 43 މެންބަރުގެ ވޯޓު ބޭނުންވާނެއެވެ.
މިހާރު މަޖިލީހުގައި މެންބަރުން ހިމެނޭ ގޮތަށް ބަލާއިރު މަޖިލީހުގައި އެމްޑީޕީގެ 55 މެމްބަރުން އެބަ ތިއްބެވިއެވެ.
އެމްޑީޕީން އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާ އިރު، އިދިކޮޅު ފަރާތްތަކާއެކު ވެގެން، ފިކުރެއްގެ ދިރުމުގެ މެންބަރުން ވަނީ ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފައެވެ.
މިހާރު އެބޭފުޅުން މަސައްކަތް ކުރައްވަނީ، ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ މައްސަލަ މަޖިލީހުގައި ކުރިއަށްގެންދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު