ގއ. ދާންދޫ ޕޮލިސް ޓޭޝަންގައި ހައްޔަރުކޮށްފައި ހުރި މީހަކު ފިލައިފިއެވެ.

ފުލުހުންގެ މީޑިއާއިން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުގައި ހުރި އެ މީހާ ފިލާފައިވަނީ ރޭ ދަންވަރު 12:57 ހާއިރެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެއެވެ.

ދާންދޫން ވާހަކަ ދެއްކި މީހަކު "ވަން" އަށް މިއަދު ބުނީ ފިލައިގެން އުޅޭ މީހާއަކީ އެރަށަށް އުފަން 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިންވެސް ތުހުމަތުކުރެވި ހައްޔަރު ކުރި މީހެއް ކަމަށެވެ.

ދާންދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުރި މީހަކު ފިލާފައިވާއިރު، މި މަހު ކުރީކޮޅު ރަސްދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުރި މީހަކުވެސް ވަނީ ފިލައިފައެވެ. އޭނާއަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

އޭނާ ފިލީ ޕޮލިސް ސްޓޭޝަންގެ ގޯތި ތެރެއަށް ނެރެފައި ހުއްޓައި ފާރުމަތިން ފުންމާލައިގެންނެވެ. ނަމަވެސް ރަސްދޫ ކައިރީގައި އޮންނަ ކުރަމަތި ރިސޯޓް މޫދުގައި ފަތާފައި ދަނިކޮށް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.