ހުޅުމާލެ ވޯޓަރ ސްޕޯޓްސްތަކުންދޭ ހިދުމަތް އިތުރުކުރުމަށް، ވޯޓާސްޕޯޓްސް އަށް ދޫކޮށްފައިވާ ތަންތަނުގެ ބިމުގެ ޖާގަ އިތުރުކޮށްދީފިއެވެ.
އާބަންކޯ އިން މިއަދު ބުނީ ހުޅުމާލޭގައި ޖުމުލަ 12 ސަރަހައްދެއްގައި ވޯޓާސްޕޯޓްސް ހިންގުމަށް އެ ކުންފުނިން ހުއްދަ ދީފައިވާއިރު އެ އެއިން ކޮންމެ ސަރަހައްދަކަށް 20 ފޫޓު މިހާރު އިތުރުކޮށްދީފައި ވާނެ ކަމަށެވެ. މި ޖާގަ އިތުރުކޮށްދީފައިވާނީ އެ ސަރަހައްދުތަކުން އާންމުންނަށްދޭ ހިދުމަތްތައް އިތުރުކޮށްދިނުމުގެ މަގުސަދުގައި ކަމަށް އާބަންކޯއިން ބުންޏެވެ.
އެގޮތުން އިތުރުކޮށްދިން ޖާގައާއެކު ވޯޓާސްޕޯޓްސް ހިދުމަތްދޭ ތަންތަނުގައި ބީޗަށްދާ ހުރިހާ އާންމު ފަރާތްތަކަށް ވެސް ބޭނުން ކުރެވޭނެ ޕަބްލިކް ޓޮއިލެޓަކާއި، އައުޓްޑޯ ޝަވަރެއް ގާއިމްކުރަން ޖެހެއެވެ. އަދި އެ ފަރާތްތަކަށް ދޫކޮށްފައިވާ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ސާފުކުރުމާއި، މެއިންޓަނަންސް މަސައްކަތްތަކަކީ އެ ސަރަހައްދު ދޫކޮށްފައިވާ ފަރާތްތަކުގެ ޒިންމާއެއް ކަމަށް އާބަންކޯ އިން ބުންޏެވެ.
އާބަންކޯއިން ބުނީ އެ ކުންފުނިން މަސައްކަތްކުރަމުން އަންނަނީ ހުޅުމާލޭގެ ބީޗު ސަރަހައްދުން އާންމުންނަށް ލިބޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، އާންމުން އެންމެ ބޭނުންވާނެ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ. މި މަގުސަދުގައި މީގެ ކުރިން އެ ކުންފުނިން ވާނީ ވޯޓާސްޕޯޓްސް ހިންގާ ފަރާތްތަކަށް ޓޭކްއަވޭ ހިދުމަތްދިނުމުގެ ހުއްދަވެސް ދީފައި ކަމަށާއި އޭގެ ސަބަބުން ބީޗަށް ދާ ފަރާތްތަކަށް ބޭނުންވާ ސްނެކްސް ފަދަ ކާބޯތަކެއްޗާއި ފެން އަދި މި ނޫން ވެސް ބައެއް ތަކެތި އެ ސަރަހައްދުން ލިބޭނެ މަގު ފަހިވެފައިވާނެ ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުންވެސް މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއް، ހަފްތާ ބަންދާއި އެކި ޗުއްޓީތަކުގައި ހުޅުމާލެ އައިސް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އުޅެމުން އަންނައިރު، ހުޅުމާލޭގެ ހުރިހާ ސަރަހައްދަކީވެސް މުޖުތަމައުގެ ގުޅުން ބަދަހިކޮށް، އާއިލާތަކާއި ރަހްމަތްތެރިންނަށް ވެސް ބޭނުންކުރެވޭނެ ފަދަ މާހައުލަކަށް ހެދުމަށް އާބަންކޯ އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު