ރާއްޖެއިން ޗާގޯސް މައްސަލައިގައި 1982 ވަނަ އަހަރުން ފެށިގެން ނިންމާފައިވާ ހުރިހާ ނިންމުންތަކެއްގެ ލިޔެކިޔުންތައް އާންމުކުރަން ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ގޮވާލައްވައިފިއެވެ.
ޝަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗާގޯސް މައްސަލައިގެ މައުލޫމާތު އާންމުކުރުމުން ސަރުކާރަށް އިތުބާރު ލިބި، ނޫސްވެރިންނަށް ޒިންމާދާރު ނޫސްވެރިކަމެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
"ދައުލަތުން މައުލޫމާތު ހިއްސާކުރުމަކީ އިތުބާރު އުފައްދައި، އަދި ޕްރޮޕެޝަނަލް ނޫސްވެރިން ބާރުވެރި ކުރުވޭ ކަމެއް. ކަނޑުތަކާ ބެހޭ ގާނޫނު އަދި ޗާގޯސްއާ ބެހޭގޮތުން 1982 އިން ފެށިގެން ރައީސް އޮފީސް، ފޮރިން މިނިސްޓްރީ، އޭޖީ އޮފީސް އަދި ނިއުޔޯކް ލަންޑަން އެމްއެސްއެން ތަކުގައި ހުރި ހުރިހާ ފައިލެއް އާންމުކުރުން އެދެން،" ޝަހީދު ވިދާޅުވިއެވެ.
ދައުލަތުން ޗޯގޯސް މައްސަލައިގެ މައުލޫމާތު އާންމުކުރުމުން ސަރުކާރަށް އިތުބާރު ލިބޭނެ ކަމަށާއި ރައްޔިތުންނަށާއި ނޫސްވެރިންނަށް އަދި ޔުނިވާސިޓީތަކަށް އެ ބަހުސްގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ޝަހީދު ވިދާޅުވިއެވެ.
"މިކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން ވަރަށް އަދަބުވެރިކަމާއެކު ދަންނަވަން،" ޝަހީދު ވިދާޅުވިއެވެ.
ރާއްޖެއާއި މޮރިޝަސްއާ ދެމެދު އިން ކަނޑައެޅުމުގައި ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ނަޝީދު އިސްވެ ހުންނަވައިގެން ކުރިއަށްގެންދާ "ފިކުރެއްގެ ދިރުން" އާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީން ދަނީ ތުހުމަތުކުރަމުންނެވެ.
އެ މައްސަލައިގައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ދައުލަތުން އިސްނުކުރާ ކަމަށް ބުނެ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ވަނީ މަޖިލީހަށް ވައްދައިފައެވެ.
ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން ސޮއިކުރެއްވި އެމްޑީޕީއަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާޒިމް ވަނީ އެ ޕާޓީން ވަކިކޮށްފައެވެ. އަދި އިތުރު މެމްބަރުންނާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ޗާގޯސް މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ކަނޑުގެ ސަރަހައްދެއް ގެއްލިފައިވާތީ ރައީސް ސޯލިހު އެމްޑީޕީން ވަކިކުރައްވަން ޖެހޭ ކަމަށް އެ ޕާޓީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު