އއ. އުކުޅަހު ބަނދަރުގައި ސަފާރީއެއް ބާއްވައިގެން ރަށަށް ބަނގުރާ ބާލާ ކަމަށް ތުހުމަތު ކުރާ މައްސަލައިގައި، އެ ސަފާރީ އުކުޅަހު ފަޅުން ނެރެން ކޯޓު އަމުރެއް ނެރުނު ނަމަވެސް، އަދިވެސް އެ ސަފާރީ އެރަށު ފަޅުން ނުނެރެއެވެ.
އުކުޅަހުގެ ފަޅުތެރޭގައި އަޅާފައި އޮންނަ ސަފާރީއަކުން ރާ ވިއްކާކަމަށް ބުނެ އެރަށުގެ ރައްޔިތުން ވަނީ އިހުތިޖާޖުކޮށް ކައުންސިލް އިދާރާ ދޮރުމައްޗަށް ބޮއްކުރައެއް ވައްދައި ކައުންސިލް އިދާރާގެ ދޮރުވެސް ބަންދުކޮށްފައިއެވެ. ރައްޔިތުން ނުރުހުންވެ، އިތުރަށް ހަމަނުޖެހުން ހިންގައިފާނެ ކަމަށް މިދިޔަ ތިން ދުވަހު އެ ރަށަށް ގިނަ އަދަދެއްގެ ފުލުހުން ވެސް ދިޔަ އެވެ.
އުކުޅަހު ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު އެ ސަފާރީ އުކުޅަހު ފަޅުން ނެރުމަށް އުކުޅަހު މެޖިސްޓްރޭޓް ކޯޓުން ވަނީ މިދިޔަ އަންގާރަދުވަހުގެ ރޭ އަމުރެއް ނެރެފައެވެ. އެ އަމުރުގައި ވަނީ 24 ގަޑިއިރުގެ ތެރޭގައި އެ ސަފާރީ އުކުޅަހުގެ ފަޅުން ނެރުމަށެވެ. އެ އަމުރާ އެއްގޮތަށް ރޭ 10:00 އެއްގެ ކުރިން އެ ސަފާރީ އުކުޅަހުން ބޭރުކުރަން ޖެހެ އެވެ. އަދި ސަފާރީ ފަޅުން ބޭރުކުރުން ލަސްކުރެވޭނީ މޫސުން ގޯސްވެ އެލާޓެއް ނެރެފި ހާލަތެއްގައި އެކަނި ކަމަށް ވެސް އެ އަމުރުގައި ވަނީ ބުނެފަ އެވެ.
އުކުޅަހުން މިއަދު "ވަން" އާ ވާހަކަދެއްކި މީހަކު ބުނީ މޫސުން ގޯސްވުމުގެ ސަބަބުން އަދިވެސް އެ ސަފާރީ ނުނެރޭ ކަމަށެވެ. މޫސުން ރަނގަޅުވުމުން އެ ސަފާރީ ނެރޭނެކަމަށް ލަފާކުރެވޭކަމަށް އޭނާ ބުންޏެވެ.
މިދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ގައުމީ އިދާރާއިން އަންނަނީ ދޭތެރެ ދޭތެރެއިން އެލާޓުތައް ނެރެމުންނެވެ. އެގޮތުން އިއްޔެ މެންދުރު 13:00 އިން ފެށިގެން މިއަދު މެންދުރު 13:00 ހަމަޔަށް މެދުރާއްޖެތެރެއަށް އޮތީ ވައިޓް އެލާޓް ނެރެފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ސަފާރީއަކީ މަރާމާތުކުރުމަށް އުކުޅަހު ފަޅަށް ވައްދާފައި އޮތް ސަފާރީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު