ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒު ކޮށްގެން، 15 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން މިއަދު ފާސްކޮށްފިއެވެ.

މި ޕްރޮޖެކްޓާބެހޭގޮތުން ވޯލްޑްބޭންކުން ނެރުނު ބަޔާނެއްގައި ވަނީ، މި ޕްރޮޖެކްޓަކީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ކުންފުނިތަކުގެ މާލީ ދެމެހެއްޓެނިވިކަން ހަރުދަނާކުރުމުގެ އިތުރަށް، ގާނޫނީ އޮނިގަނޑު އިސްލާހުކޮށް، ފައިސާ ލިބޭނެ މަގުތައް ތަނަވަސްކޮށް، ކަމާ ބެހޭ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ފާސްކުރި ޕްރޮޖެކްޓެއް ކަމަށެވެ. މި ޕްރިޖެކްޓުން ކުންފުނިތަކުގެ މާލީ ދެމެހެއްޓެނިވިކަމަށް އެހީތެރިވެދިނުމުގެ ތެރެއިން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވާދަވެރިކަން އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ވޯލްޑްބޭންކުން ބުނި ގޮތުގައި މިއަދު ފާސްކުރި، "މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތު ޕްރޮޖެކްޓް" ގެ އަމާޒަކީ ހޮވައިލެވޭ، ސަރުކާރު ހިއްސާވާ ކުންފުނިތަކެއްގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ވިޔަފާރިތައް ހިންގާ ގޮތް ރަނގަޅުކޮށް، އެ ކުންފުނިތަކާ މަތިކޮށްފައިވާ އާންމު ހިދުމަތުގެ މަސްއޫލިއްޔަތުތަކާއި ދެވޭ ސަބްސިޑީތައް އިސްލާހުކުރުމަށް ސަރުކާރަށް އެހީތެރިވެދިނުމެވެ.

މި މަޝްރޫއުގެ ޒަރީއާއިން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރި ލޯނުތައް ހޯދުމުގައި ރާއްޖޭގެ އަމިއްލަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ފަސޭހަގޮތްތަކެއް ހަމަޖެއްސުމާއި ހޮވާލެވޭ އީޖާދީ އަދި ގާބިލު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމުގެ މަގު ކޮށައިދީ، އާ މާކެޓްތަކުގައި ވާދަކުރުމަށް އާ އަދި މޫސުމާ ރައްޓެހި އުފެއްދުންތައް އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ މާލީ ހާލަތު ކުރިއެރުވުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ދާދި ފަހުން ރާއްޖޭގެ އިގްތިސާދީ ދުވެލި ދަށްވެ، ސަރުކާރުގެ ހަރަދުތަކާއި ދަރަނީގެ މައްސަލަތައް ވަރަށް ބޮޑުވި ނަމަވެސް، އިގްތިސާދީ މުހިންމު މައްސަލަތައް ހައްލުކުރުމުގައި ރާއްޖޭން ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަ ކޮށް ވޯލްޑް ބޭންކުން ބުނެފައި ވަނީ، އިގްތިސާދީ ކުރިއެރުން ވަރުގަދަކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. ސަރުކާރުގެ ވިސްނުން ހުރީ، ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުން އަވަސްކޮށް، ދަތުރުފަތުރުގެ ހަރަދު ބޮޑުވުމާއި ހުނަރާއި ވަޒީފާގެ ދަތިކަމާއި ގުދުރަތީ ވަސީލަތްތައް މަދުވެ، ހަލުވިކަމާ އެކު ބަދަލުވަމުން އަންނަ ވިޔަފާރީގެ މާހައުލަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށްވެސް ބުނެފައިވެއެވެ.

"ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހު ކުރުމަށް ދިވެހި ސަރުކާރުން ފުޅާ ދާއިރާއެއްގައި ޕްރޮގްރާމެއް ހިންގަމުން އަންނައިރު، ގާނޫނީ އިސްލާހުތަކެއް ގެނެސް، މާލީ ވަސީލަތްތަކާއި ސަރުކާރުގެ ޕްރޮކިއުމަންޓް ފުރުސަތުތައް ތަނަވަސްކޮށްދީގެން އަމިއްލަ ވިޔަފާރިތަކުގެ ދާއިރާ ހަރުދަނާކުރުމަށް އިސްކަން ދޭ،" ވޯލްޑް ބޭންކުގެ ސީނިއާ އިކޮނޮމިސްޓް އަދި ޓާސްކް ޓީމް ލީޑަރު ސުހައިލް ކާސިމް ވިދާޅުވި އެވެ.

މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތު ޕްރޮޖެކްޓް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ފައިނޭންސުންނެވެ.

މި މަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވާ ޖުމްލަ 15 މިލިއަން ޑޮލަރުގެ ތެރޭގައި، ލުއި ގޮތްތަކެއްގެ މަތިން، ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 7.5 މިލިއަން ޑޮލަރުގެ ލޯނާއި 7.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހިމެނެއެވެ.