މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފިއެވެ.

ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްސޭރި ޖަލުގައި މަސައްކަތްކުރާ އެ އޮފިސަރު ހައްޔަރުކުރީ އެ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅޭ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް ދިވެހި ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެހެންވެ، އެ އޮފިސަރު މިހާރު ސަސްޕެންޑް ކޮށްފައިވާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

ޖަލަށް ފޯނާއި ޑްރަގް އަދި މަނާ ބާވަތުގެ ތަކެތި ވެއްދުމުގައި ކަރެކްޝަންސްގެ ބައެއް މުވައްޒަފުން ބައިވެރިވުން އޮންނަ ކަމަށް އަބަދު ވެސް ތުހުމަތުކުރެއެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މާފުށީ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ކަރެކްޝަންސްގެ އޮފިސަރަކުވެސް ހައްޔަރުކުރިއެވެ.