ވިހަކަންގަދަ ނުރައްކާތެރި ހަރުފައިގެ ތެރެއިން އޭޝިޔާއަށް ޚާއްސަ އެއްޗެއް ކަމަށްވާ ކޯބްރާގެ މުޅިން ހުދު ހަރުފައެއް އިންޑިޔާގެ ދެކުނުގެ ގެއެއްގެ ތެރެއިން ފެނިއްޖެއެވެ. މިއީ ކޯބްރާގެ އަލްބީނޯއެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އަލްބިނިޒަމަކީ ދިރޭތަކެތީގެ ތެރެއިން އާއްމުކޮށް އޭގައި ހުންނަން ޖެހޭ ކޮންމެވެސް މާއްދާއެއް އުނިވުމުގެ ސަބަބުން ދިމާވާ ހާލަތެކެވެ. އިންސާނުންނާއި ޖަނަވާރުންގެ ތެރެއިންވެސް އެހާލަތު ފެނެއެވެ. މިއީ ފަހަކަށް އައިސް އަލްބީނޯ ކޯބްރާއެއް ފެނުނު ފުރަތަމަ ފަހަރެވެ. މި ހަރުފަ ފެނުނީ ޓެމިލްނާޑޫ ސްޓޭޓްގެ ކޮއިމްބަތޯރު ސިޓީގެ ގެޔަކުންނެވެ.

ހުސްވި ހަފުތާގެ ބުދަދުވަހު މި ހަރުފަ ފެނުނީ ބޯކޮށް ވެހުނު ވާރެޔާއެކު ރަށުތެރޭގައި ފެންބޮޑުވެ ގޭގޭގެ ތެރެއަށްވެސް ފެންގަނޑު ވަނުމުގެ ތެރެއިންނެވެ. ގާތްގަނޑަކަށް ފަސްފޫޓު ދިގުމިނުގެ މިހަރުފަ ފެނުމާއެކު އެގޭގެ މީހުން ރަސްމީ އިދާރާތަކަށް ގުޅައިގެން ކަމާބެހޭ މާހިރުން ގެނެސްގެން ހަރުފަ ވަނީ ހިފައިފައެވެ. އޭގެފަހުން ޖަންގަލީގެ ތެރެއަށް އެސޮރުވަނީ ދޫވެސްކޮށްލައިފައެވެ.

އަލްބީނޯއަކަށްވިޔަސް އެއީ ކޯބްރާއަކަށްވުމާއެކު އޭގެ ވިހަކަން ކުޑައެއް ނުވެއެވެ. މީހެއްގެ ގަޔަށް ކޯބްރާއެއް ވިހަލައިފިއްޔާ ދާދިކުޑައިރުކޮޅެއްގެ ތެރޭގައި އެމީހަކު މަރުވުމުގެ ފުރުސަތު އޮވެއެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ އިތުރަށް ދެކުނު އިރުމަތީ އޭޝިޔާ އާއި މެދުތެރޭ އޭޝިޔާގެ ގައުމުތަކުގައިވެސް ހަރުފަވިހަލައިގެން އެންމެ ބޮޑު ނުރައްކަލެއް އިންސާނުންނަށް ކުރިމަތިވާކަމަށް އެނގިފައިވަނީ ކޯބްރާގެ ސަބަބުންނެވެ