މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ތ. ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެއެވެ.

ޕްލޭނިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ސެޕްޓެމްބަރު 23، 2021 ގައެވެ. މިއީ ޖުމުލަ 19.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ 15 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހައި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއެކު 18،894 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅައިފައެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ސަބަބުން ގާދިއްފުށީގެ ތުނޑީކޮޅު ސަރަހައްދު މިހާރު ހިމާޔަތްކުރެވިފައިވާ ކަމަށެވެ. އަދި މިއީ ގާދިއްފުށީގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި، ރައްޔިތުންނަށް އެތަށް ގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނުވާނެ މުހިއްމު މަޝްރޫއެއް ގޮތުގައި ދެކޭ ކަމަށްވެސް ބުންޏެވެ.