ނ. މާޅެންދޫ ޖެޓީ ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން 9،735 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާ ބޭސިން ފުންކުރުމާއި 73 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 386 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 175 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން 47 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި މޫރިން ބޯއީސް ހަރުކުރުމާއި 30 މީޓަރު ދިގު ހަތަރު މީޓަރު ފުޅާ ބްރިޖެއް ހެދުމާއި ޖެޓީއެއް ހެދުމާއި 928 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 32.34 މިލިއަން ރުފިޔާއަށް 270 ދުވަސް ދުވަސް ތެރޭގައި ނިންމުމަށެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހު ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.