މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައިވާ "ޕްލާސްޓިކާ ދުރުވުމުގެ" ސިޔާސަތާއެކު މާލޭގެ ގޭބީސީތަކަށް ތިމާވެއްޓާ ރައްޓެހި ފޮތި ކޮތަޅު ބަހަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ، ވިލިމާލެ، ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވައްސަށް މާލެ ސިޓީ ކައުންސިލުން ތިމާވެއްޓާ ރައްޓެހި ކޮތަޅު ބެހުމަށް ނިންމާފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 100 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. އެ ޖަލްސާގައި ނިންމާފައިވާ ގޮތުން ކޮތަޅު ބަހާނީ މާލެ ސިޓީ ކައުންސިލުގެ ޓީމުތަކުން ގޭބީސީތަކުގެ ދޮރުން ދޮރަށް ގޮސްގެންނެވެ.
މިކަމާއި ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގެ ބޭނުމަކީ މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުން ކަމަށާއި ތިމާވެށި ރައްކާތެރިކުރުމަށް އެކި ކަހަލަ މަޝްރޫއުތައް ހިންގުމަކީ މާލޭ ސިޓީ ކައުންސިލުގެ އެއް އަމާޒު ކަމަށެވެ.
އަދި 25 ކޮތަޅު ހިމެނޭ ކޮތަޅު ޕެކްތަކެއް ގޭބީތަކަށް ބަހާނެ ކަމަށާއި މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ 50 ހާހެއްހާ ގޭބީސީއަށް ކޮތަޅު ހަދިޔާ ކުރާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. މޭޔަރު ވިދާޅުވިގޮތުގައި މި ކަމަށް 1.5 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.
"އަޅުގަނޑު މި ހުށަހަޅަނީ އެކަހަލަ 25 ކޮތަޅުގެ ޕެކް ހަދާފައި މާލޭ ސިޓީ ކައުންސިލުގެ ހަރަދުގަ މާލެ ސިޓީގެ ކޮންމެ ގޭބިސީ އަކަށް ހިލޭ ފޯރުކޮށްދޭން. މިކަހަލަ މަސައްކަތްކުރާ ބޭފުޅުންނާ ނުރަސްމީކޮށް ދެކެވުނު ވާހަކައިގަ ފްރައިޓް ޗާޖާ އެއްކޮށް މާލެ ހުޅުމާލެ އަދި ވިލިމާލޭގެ ގާތް ގަނޑަކަށް 50 ހާސް ގޭބިސީ އަށް 1.5 މިލިއަން ރުފިޔާ ހަރަދު ވާނެ،" މޭޔަރު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން ބަހަން ނިންމާފައިވަނީ އެކި ކަންކަމަށް އެކި ކުލަ ހާއްސަކޮށްފައިވާ ތިމާވެއްޓާ ރައްޓެހި ކޮތަޅެވެ. މި ކޮތަޅުތައް ހުންނާނީ ބާޒާރު ކުރުމުގައި ރައްޔިތުން އާންމުކޮށް ބޭނުންކުރާ މީޑިއަމް ސައިޒަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު