މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ހަދާ ޝެލްޓާ، މަސްވެރިންގެ ޕާކުގައި ހަދަން ނިންމައި އެކަމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް މާލޭ ސިޓީ ކައުންސިލުން މިއަދު ކަނޑައަޅައިފިއެވެ.
މާލެ ސިޓީ ކައުންސިލުން އެގޮތަށް ނިންމީ މިއަދު ބޭއްވި އެ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 100 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ. އެ ޖަލްސާގައި ބައިވެރިވި 14 ކައުންސިލަރުންގެ އިއްތިފާގުން ނިންމާފައިވަނީ ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި، މަސްވެރިންގެ ޕާކުގައި ވަގުތީ ބުޅާ ޝެލްޓާއެއް ގާއިމު ކުރުމަށެވެ. އަދި އެކަމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް އެ ޖަލްސާގައި ވަނީ ކަނޑައަޅައިފައެވެ.
މަގުތަކުގައި ބުޅާ ގިނަވާ މައްސަލަ ހައްލު ކުރުމަށް ސިޓީ ކައުންސިލުން ކުރިން މަޝްވަރާކޮށްފައިވާ ގޮތުން އެ ފެސިލިޓީ ހެދުމަށް ޖުމުލަ 1.7 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. ކައުންސިލުގެ ހަރަދުގައި ހަދާ އެ ފެސިލިޓީ ގާއިމުކުރުމަށް ފުރަތަމަ މަޝްވަރާ ކުރީ ނީލަން ފިހާރަ ހުރި ބިމުގައެވެ.
ނަމަވެސް މިއަދުގެ ޖަލްސާގައި އެ ޝެލްޓާ ހެދުމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅުއްވައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ބަޖެޓުން ޝެލްޓާ ހެދުމާއި ނިއުޓާ ކުރުމަށް ބޭނުންވާ ތަކެތި ގަތުމުގެ އިތުރުން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަން ހެދުމަށާއި މަރާމާތުކުރުމުގެ މަސައްކަތަށް ކުރާނެ ކަމަށެވެ. އަދި މަސްވެރިންގެ ޕާކުގައި ހުރި އިމާރާތަކީ އެކަމަށް އެންމެ އެކަށޭނެ ތަން ކަމަށާއި އެ ތަނުގައި ފަރުވާ ދިނުމުގެ އިތުރުން ފަރުވާއަށް ފަހު ބަލަހައްޓަން ވެސް ޖާގަ އެބައޮތް ކަމަށް މޭޔަރު ވިދާޅުވިއެވެ.
އެ ޝެލްޓާއިން ބުޅަލެއް ނިއުޓާކުރަން 1،500 ރުފިޔާ ނަގަން މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާ އިރު، އެކްސްރޭ ނެގުމާއި ބްލަޑް ޓެސްޓް ކުރުން ފަދަ ހިދުމަތްތައް ވެސް އެތަނުން ލިބޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި ޕެޓްގެ ގޮތުގައި ގެންގުޅޭ ބުޅަލަށް ވެސް އެތަނުން ހިދުމަތް ދޭން ކައުންސިލުން ނިންމާފައިވާ އިރު، ފެސިލިޓީގައި ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެތަނުގައި މަސައްކަތް ކުރުމަށް ސިޓީ ކައުންސިލުގެ ދެ މުވައްޒަފުން އަދި އިއުލާނުކޮށްގެން ހަތަރު މުވައްޒަފުން ނެގުމަށްވެސް ވަނީ ނިންމައިފައެވެ.
މީގެ އިތުރުން އަމިއްލަ ހަރަދުގައި ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދުމަށްވެސް ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާގައި ވަނީ ނިންމައިފައެވެ. އަދި ދާއިމީ ޝެލްޓާއެއް ހަދަން އެންމެ ރަނގަޅު ތަނަކީ ހުޅުމާލެ ދަވަނަ ފިޔަވަހީގެ ސަރަހައްދު ކަމަށް މޭޔަރު މިއަދު ވިދާޅުވި އިރު އެކަމަށް މަޝްވަރާކޮށް، ގޮތެއް ނިންމުމަށް އެހެން ބައްދަލުވުމަކަށް އެޖެންޑާކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު