މި އަހަރުގެ ފުރަތަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސާފު ފައިދާގެ ގޮތުގައި 504 މިލިއަން ރުފިޔާ ހޯދައިފިއެވެ.
ބީއެމްއެލުން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ތިން މަހުގެ މާލީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އެ ކުއާޓަރުގައި ބޭންކުން ވަނީ 1.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދައިފައެވެ. އަދި ހަރަދާއި ޓެކުހަށް ކެނޑުމަށްފަހު މިިދިޔަ ކުއާޓާއިން ސާފު ފައިދާގެ ގޮތުގައި 504.2 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކަށް ލިބުނު ފައިދާ އާ އަޅައި ބަލާއިރު 8.9 ޕަސެންޓު ދަށް އަދަދެކެވެ.
ބީއެމްއެލްގެ މާލީ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިދިޔަ ކުއާޓަރުގައި ބޭންކުގެ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ކުރިއެރުން ވަނީ ލިބިފައެވެ. އެމުއްދަތުގައި ބޭންކުގެ އެސެޓުގެ އަގު 43 ބިލިއަން ރުފިޔާ އަށް އެރި އިރު، ކަސްޓަމަރުން ޑިޕޮސިޓް ކުރި ފައިސާގެ އަދަދު 30 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ބޭންކުން ބުންޏެވެ.
މިދިޔަ ކުއާޓަރުގައި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ، ގާނޫނު ލާޒިމުކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައިވާ އިރު، ރަނގަޅު ލޯނު ޕޯޓްފޯލިއޯއެއް ދެމެހެއްޓިފައިވާ ކަމަށް ބޭންކުން ބުންޏެވެ. އެގޮތުން މިދިޔަ ކުއާޓަރުގައި ކަސްޓަމަރުންނަށް އެއް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
އެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު މިިދިޔަ ކުއާޓަރުގައި ބީއެމްއެލަށް 25،000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ވަނީ ލިބިފައެވެ. އަދި މިދިޔަ ކުއާޓަރުގައި އިންޓަނެޓް ބޭންކިން އާއި މޯބައިލް ބޭންކިން މެދުވެރިކޮށް ދުވާލަކު 232،000 އަށްވުރެ ގިނަ މުއާމަލާތް ކޮށްފައިވާ ކަމަށް ރެކޯޑުކުރެވިފައިވާ އިރު، މުޅި ކުއާޓަރުގައި އިންޓަނެޓް ބޭންކިން މެދުވެރިކޮށް 85 މިލިއަނަށް ވުރެ ގިނަ މުއާމަލާތް ވަނީ ކޮށްފައެވެ.
އޭގެ އިތުރުން މޯބައިލް ބޭންކިންއަށް ދުވާލަކު ދެ މިލިއަނަށްވުރެ ގިނަ ލޮގިން ކޮށްފައިވާ އިރު، އޭޓީއޭމްތަކުން 14 މިލިއަން އަދި ޕީއީއޯއެސް މެޝިންތަކުން 40 މިލިއަނަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވާ ކަމަށްވެސް ބީއެމްއެލްގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު