ވަޒީފާ އަދާކުރަމުން އަންނަ ހޮސްޕިޓަލަށް އެކަނި ހިދުމަތްކުރާ ނަމަ، ސްޕެޝަލިސްޓުންނަށް ހާއްސަ އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ އިއުލާންކުރައްވައިފައެވެ. އަދި ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މުސާރަ ބޮޑުކުރާ ހުރިހާ އަދަދުތަކެއް ވެސް އިއުލާންކޮށްފައެވެ.
އެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިސަލް ވިދާޅުވީ ސްޕެޝަލިސްޓުން އިތުރު ތަނެއްގައި މަސައްކަތް ނުކުރަން އެއްބަސްވެ، ވަޒީފާ އަދާކުރަމުން އަންނަ ހޮސްޕިޓަލަށް އެކަނި ހިދުމަތްކުރާ ނަމަ އަދި އިތުރު އެއްވެސް ތަނެއްގައި ޕްރެކްޓިސް ނުކުރުމަށް އެއްބަސްވެ, ވަޒީފާ އަދާކުރާ ހޮސްޕިޓަލުން ކަނޑައަޅާ އިތުރު ޒިންމާތައް އުފުލުމަށް އެއްބަސްވެ, އެގްރީމެންޓުގައި ސޮއިކުރުމުން "އެކްސްކްލޫސިވް ސާވިސް ބެނެފިޓް" ލިބޭނެ ކަމަށެވެ.
އެގޮތުން މި އެލަވަންސް ލިބޭނީ ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ތެރެއިން ރޭންކު 10 އިން ފެށިގެން ސަބްސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ މަގާމުތަކުގައި ތިބި މުވައްޒަފުންނަށް ކަމަށެވެ. އޭގެ ތެރޭގައި ޑެންޓިސްޓުންވެސް ހިމެނޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
މި އެލަވަންސް ދޭން ނިންމާފައިވަނީ ހޮސްޕިޓަލަކުން ޕޭ ކޮމިޝަނަށް ހުށަހެޅުމުން ކޭސް-ބައި-ކޭސް އުސޫލުންނެވެ. ނަމަވެސް އެއީ ކިހާ އަދަދެއް ކަމަށް ފައިސަލް ހާމައެއް ނުކުރައްވައެވެ.
ސަރުކާރު ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ސްޕެޝަލިސްޓް ޑޮކްޓަރުން، ޑިއުޓީ ގަޑީގެ ފަހުން އެހެން ކްލިނިކްތަކާއި މެޑިކަލް ސެންޓަރުތަކުގައި އަގުބޮޑުކޮށް ބަލަމުންދާތީ އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. މީގެ އިތުރުން ޑޮކްޓަރުން ހޮސްޕިޓަލްގެ ޑިއުޓީ ގަޑީގައި ބަލާ ބަލި މީހުންގެ އަދަދު ދަށް ކަމަށް ބުނެވެސް އާންމުން ޝަކުވާ ކުރެއެވެ.
ސަރުކާރުން ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު، ސީނިއާ ސަބް-ސްޕެޝަލިސްޓު ކޮންސަލްޓަންޓުންގެ މުސާރަ ވަނީ 71,649 ރުފިޔާ އިން 87,392 ރުފިޔާއަށް އިތުރުވެފައެވެ. އަދި ކޮންސަލްޓަންޓު ސަބް-ސްޕެޝަލިސްޓުންގެ މުސާރަ ވަނީ 77,577 ރުފިޔާއަށް އިތުރުވެފައެވެ. އެއީ 28 ޕަސެންޓް އިތުރު އަދަދެކެވެ.
ސީނިއާ ކޮންސަލްޓަންޓު ސްޕެޝަލިސްޓުންގެ މުސާރަ ވަނީ 55,675 ރުފިޔާ އިން 66,702 އަށް ބޮޑުކޮށްފައެވެ. އެއީ 20 ޕަސެންޓް އިތުރު އަދަދެކެވެ.
ސަރުކާރުން ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު، މުސާރައިގެ އާ އޮނިގަނޑަށް ޖުމުލަ 3710 މުވައްޒަފުން ހިޖުރަ ކުރިއެވެ. މިއީ ހަމައެކަނި ދިވެހިންނަށް އަންނަ ބަދަލެކެވެ. އޭގެ ތެރޭގައި ރީޖަނަލް ހޮސްޕިޓަލުތަކުގެ 520 މުވައްޒަފުންނާއި އަތޮޅު ހޮސްޕިޓަލުތަކުގެ 471 މުވައްޒަފުން، ހެލްތު ސެންޓަރުތަކުގެ 965، އައިޖީއެމްއެޗްގެ 1004، ހުޅުމާލެ ހޮސްޕިޓަލުގެ 298 އަދި މިނިސްޓްރީގެ ދަށުގައި ހިންގާ ތަންތަނާއި މިނިސްޓްރީގެ 452 މުވައްޒަފުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު