އެސްޓީއޯއިން ޖެޓް ފިއުލް އުފުލަން ހާއްސަ ބާޖެއް ގެނެސްފި އެވެ.

''ލަގަނާ''ގެ ނަން ދީފައިވާ މި ބާޖަކީ އެސްޓީއޯއާއި އައިލެންޑް އޭވިއޭޝަން ސާވިސަސް އާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން މާފަރު އެއާޕޯޓައް ބޭނުންވާ ޖެޓް އޭ-1 ތެޔޮ ސަޕްލައި ކުރުމަށް ހާއްސަކޮށްގެން ހިދުމަތް ނެރުނު ބާޖެކެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖެޓް ފިއުލަށް ހާއްސަކޮށް ބޭނުންކުރާ ބާޖެވެ.

އެސްޓީއޯ އިން ބުނީ ހަންސާކޮންސަލްޓް ޕްރޮޖެކްޓްސްގެ ކޮންސަލްޓެންސީއާ އެކު ތައްޔާރުކުރި މި ބާޖުގައި 200 ކިއުބިކް މީޓަރުގެ ޖާގަ އާއެކު ޒަމާނީ މިނެކިރުމުގެ އާލާތްތައް ބެހެއްޓިފައި ހުންނާނެ އެވެ. އަދި މި ބާޖާއެކު ރާއްޖޭގެ އަތޮޅުތަކަށް އޭވިއޭޝަން ފިއުލް ރައްކާތެރި ކަމާއެކު ގެންދިއުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް ބުންޏެވެ.

އެސްޓީއޯ އިން ބުނީ މި ބާޖަކީ އޭވިއޭޝަން ފިއުލް ކޮލިޓީގެ ޝަރުތުތައް ފުރިހަމަވާ އަދި ކަމާބެހޭ ކޮލިޓީ އެޝުއަރެންސް ކޯޑްތަކުގައިވާ ގޮތުގެމަތިން އޭވިއޭޝަނަށް އިންޑަސްޓްރީ ސްޓޭންޑާޑް ފިލްޓަރުތަކާއެކު ހިދުމަތަށް ނެރުނު އުޅަނދެއް ކަމަށެވެ. އެކަމަކީވެސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރެވުނު ކަމެއްކަން އެ ކުންފުނިން ބުންޏެވެ.

އާ ބާޖާއެކު އުޅަނދުގެ ކްރޫންނަށް އޭވިއޭޝަން ފިއުލް ހެންޑްލިންގެ ފީލްޑް ޓްރެއިނިންގެ އިތުރުން ކަމާބެހޭ އޮޕަރޭޝަންސް މެނުއަލްތަކާއި ލިޔެކިޔުންތައް ފޯރުކޮށްދީފައިވާއިރު، އިންޑަސްޓްރީ ބެސްޓް ޕެރެކްޓިސްއާއި އެއްގޮތަށް ޖެޓް އޭ-1 ތެޔޮ ރިފައިނަރީން ފެށިގެން ފްލައިޓާ ހަމައަށް ޓްރޭސް ކުރެވޭނެ ކުއަލިޓީ އެޝުއަރެންސް ނިޒާމެއް އެސްޓީއޯއިން ވަނީ ތައާރަފުކޮށްފައެވެ.

އެގޮތުން ކޮންމެ ޓްރާންސްފާ ޕޮއިންޓެއްގައި ތެލުގެ ސާމްޕަލް ނަގައި އެސްޓީއޯއިން މާލޭގައި ގާއިމުކުރި ލެބޯޓްރީގައި ޓެސްޓްކުރާނެއެވެ.