ބައިނައަގުވާމީ ޝެފުންގެ ޖަމިއްޔާ، ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީ (ވެކްސް) އިން ރާއްޖޭގެ ޝެފެއް ކަމަށްވާ މާހާ ނަސީރު ކޮންޓިނެޓަލް ޖަޖަކަށް ސެޓިފައި ކޮށްފިއެވެ.

މާހާ ކޮންޓިނެޓަލް ޖަޖަކަށް ސެޓިފައި ކުރީ، ކަލިނަރީ ދާއިރާގެ ބައިނަލްއަގުވާމީ ފެންވަރުގެ ގިނަ ޕްރޮގްރާމްތަކެއް އޭނާ ފުރިހަމަކޮށްފައިވާތީއެވެ.

ވެކްސްއިން އެ ލަގަބު ދެނީ މިޑްލެވެލް ކަލިނަރީ އެކްސްޕީރިއަންސް އަދި އެ ދާއިރާގެ ޕްރޮފެޝަނަލް މީހުންނަށެވެ. ކޮންޓިނެންޓަލް ޖަޖްގެ ލަގަބު ދޭއިރު ހާއްސަ ޖަޖުގެ ޕެނަލަކުން ކަލިނަރީ އުފެއްދުންތައް ބަލައި ޖަޖް ކުރެއެވެ.

މީގެ އިތުރުން ކޮންޓިނެޓަލް ޖަޖްގެ ލަގަބު އަރުވަނީ ދާއިރާއިން ސިލްވާ މެޑަލް ނުވަތަ ހައިއެންޑް ރެސްޓޯރެންޓެއްގައި ޝެފެއްގެ ގޮތުގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.

ވެކްސްއިން ކޮންޓިނެޓަލް ޖަޖުގެ ލަގަބު މިހާތަނަށް ދީފައިވަނީ އެންމެ ފަސް ދިވެހިންނަށެވެ.

މާހާއަކީ ރާއްޖޭގެ ޝެފުންގެ ޖަމިއްޔާކަމަށްވާ ޝެފްސް ގީލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުންވެސް އަދާކުރަމުން އަންނަ ފަރާތަކެވެ. އޭނާ ވަނީ ގައުމީ އަދި ބައިނަލްއަގުވާމީ އެވޯޑުތަކެއް ހާސިލުކޮށްފައެވެ.

މީގެ އިތުރުން މާހާއަކީ ރާއްޖޭގައި ތިބި މަދު އަންހެން އެގްޒެކެޓިވް ޝެފުންގެ ތެރެއިން އެކެކެވެ. އަދި އޭނާއަކީ ރާއްޖެއިން ބޭރުން މާސްޓާ ޝެފުގެ ލަގަބު ލިބުނު ފުރަތަމަ ދިވެއްސެވެ.