ޕްލާސްޓިކް ކޮތަޅުން އަގު ނަގަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނާ ގުޅިގެން ޕްލާސްޓިކު ކޮތަޅުގެ އަގު އިންތިހާއަށް ބޮޑުވުމުން، ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށްޓަކައި ސަރުކާރުން އެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ފާސްނުކޮށް ރައްޔިތުންގެ މަޖިލިސް މިއަދު ޗުއްޓީއަށް ހިނގައްޖެއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ފުރަތަމަ ވިދާޅުވީ، މިއަދުގެ އެޖެންޑާގައި ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލު ފިޔަވައި އެހެން ހުރިހާ ބިލެއްގެ މަސައްކަތް ނިންމަވާނެ ކަމަށެވެ. އޭގެ ތެރޭގައި ކުނި މެނޭޖްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުވެސް ހިމެނެއެވެ. އެ ބިލުތަކަށް 11:15 ގައި ވޯޓަށް އައްސަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މަޖިލިސް ރައީސްގެ އެ ވާހަކަތަކާ ގުޅިގެން މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިގު ވިދާޅުވީ، މަޖިލިސް ޖަލްސާގެ އެޖެންޑާ ކަޑައެޅުމާއި ޖަލްސާގައި މެންބަރުން ވާހަކަދެއްކުމުގެ ވަގުތު ކަނޑައެޅުމާއި ވޯޓު ގަޑި އިއުލާންކުރުމަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސަށް ލިބިގެންވާ އިހުތިޔާރެއް ކަމަށެވެ.
ނަމަވެސް މަޖިލީހުގެ އިއްޔެގެ ޖަލްސާވެސް 12:00ގެ ކުރިން ނިންމަވާލައްވާނެ ކަމަށް ވިދާޅުވެ، އަދި މިއަދުގެ ޖަލްސާގައި 11:15 ގައި ވޯޓަށް އައްސަވައި ޖަލްސާ ނިންމަވާލައްވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވާއިރު، މި ހަ ރޯދައިގައި މަޖިލިސް ޖަލްސާތައް ކުރިއަށްދަނީ، ރަމަޟާން މަހު ޖަލްސާތައް ކުރިއަށް ގެންދިއުމަށް މަޖިލިސް ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކަމަށާއި އެ އުސޫލުގައި މަޖިލިސް ޖަލްސާ 1:00 އިން 2:00 އަށް ކުރިއަދާނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އެހެންކަމުން ބަހުސްގެ މަރުހަލާގައި މެންބަރުން ވާހަކަދައްކަން އެދިވަޑައިގެންފައި ވަނިކޮށް، ޖަލްސާގެ ވަގުތު ހަމަނުވަނީސް އެޖެންޑާ ނިމުނު ކަމަށް މަޖިލިސް ރައީސަށް ކަނޑަނޭޅޭނޭ ކަމަށް ތޯރިގު ވިދާޅުވިއެވެ.
ތޯރިގުގެ ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، މެންބަރުން ވާހަަދައްކަން އެދިވަޑައިގެންފިިއްޔާ ޖަލްސާ ކުރިއަށްގެންދަން ޖެހޭނެ ކަމަށާއި ތޯރިގުގެ ވާހަކަތަކަށް އިންކާރު ނުކުރައްވާ ކަމަށެވެ.
ނަމަވެސް މަޖިލިސް އެޖެންޑާގައި މިހާރު ނުނިމި ހުރި ކޮންމެ މަސައްކަތަކީ ވަރަށް ގިނައިރު ބަހުސްކޮށްފައިވާ މަސައްކަތްތަކަކަށްވެފައި ގިނަ ސިޔާސީ ޕާޓީތަކުގެ ވަގުތު ހަމަވެފައި ހުރުމުން، މަޖިލިސް މިއަދު ޗުއްޓީއަށްދާއިރު އެ މަސައްކަތްތައް ކޮމިޓީތަކަށް ފޮނުވިއްޖެ ނަމަ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ކޮމިޓީން މަސައްކަތްކޮށް ދެން މަޖިލިސް ޖަލްސާތައް ފަށާއިރު، އެތައް ކަމެއް ވަގުތުން ނިންމޭނެކަމުގެ އުއްމީދުގައި، އެ ތަސައްވުރުގައި މަސައްކަތް ކުރެއްވީ ކަމަށް ވިދާޅުވިއެވެ.
އެއަށްފަހު އެޖެންޑާގައިވާ ކަންތަކުގެ ބަހުސަށް މަޖިލިސް ރައީސް ހުޅުވައިލެއްވިއެވެ. އޭގެ ތެރޭގައި ކުނި މެނޭޖްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުވެސް ހިމެނެއެވެ.
އެ ބިލަށް ވާހަކަދެއްކުމަށް އެމްޑީޕީގެ ބައެެއް މެންބަރުންވެސް އެދިވަޑައިގަތުމުން މަޖިިލިސް ރައީސް ވިދާޅުވީ، އެ ބިލު އަވަހަށް ފާސްކުރުމަށް އެމްޑީޕީގެ މެންބަރުންވެސް ބޭނުންނުވާކަން އެގިގެން ހިނގައްޖެ ކަމަށާއި އެ ބިލުގެ ބަހުސް ކުރު ކުރެއްވުމަށް އެ މެންބަރުން ބޭނުން ނުވާކަަންވެސް އެނގިގެން ހިނގައްޖެ ކަމަށެވެ. އަދި އެހެން މެންބަރުންވެސް އެ ބިލުގެ ބަހުސް ކުރުނުކުރެއްވުމަށް މަޖިލިސް ރައީސް އެދިވަޑައިގެންނެވިއެވެ.
އެހެންކަމުން ވޯޓަށް އަހަންހުރި ކަންތައްތަކަށް 1:00 ގައި ވޯޓަށް އަހަން ނިންމެވުމަށްފަހު، ޖަލްސާގެ ފުރަތަމަ ދަންފަޅި ނިންމަވައި މަޖިލިސް ރައީސް ޗުއްޓީއަށް ވަޑައިގެންނެވިއެވެ.
ފުރަަތަމަ ދަންފަޅި ނިންމައިވަ ވަޑައިގަންނަވަމުން މަޖިލިސް ރައީސް ވިދާޅުވީ، 1:00ގެ ފަހުން އެ މަނިކުފާނު ރިޔާސަތުގައި ނީންނަވާނެ ކަމަށާއި އެ ގަޑީގައި ޖަލްސާ ފައްޓަވާނީ މަޖިލީހުގެ ނާއިބު ރައިސް އީވާ އަބްދުﷲ ކަމަށެވެ. އަދި ހުރިހާ މެންބަރުންނަށް ބާއްޖަވެރި ޗުއްޓީއަކަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
އޭގެ ފަހުން 1:00ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ނައިބު، ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރައްވައި މަގާމާ ހަވާލުވެވަޑައިގަތުމުން އުފެދިފައިވާ ކަމަށް ބުނާ ދުސްތޫރީ އޮޅުންބޮޅުމަށް ސާފު ހައްލެއް ހޯދައިދިނުމަށް ގޮވާލައި މެމްބަރު ތޯރިގު މަޖިލީހަށް ހުށަހެޅި ގަރާރާއި ދިވެހި ރާއްޖޭގެ ކުޅިވަރާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވޯޓަށް އެއްސެވުމަށްފަހު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގެ މިއަދުުގެ ޖަލްސާ ނިންމަވާލައްވައި ފުރަތަމަ ދައުރުގެ ޗުއްޓީއަށް މަޖިލިސް ދިޔަކަން އިއުލާން ކުރެއްވިއެވެ.
ތޯރިގު ހުށަހެޅުއްވި ގަރާރަށް މެންބަރުން ވޯޓު ދެއްވީ އެ ގަރާރު މަޖިލީހުން ބޭރު ކޮށްލުމަށެވެ. ކުޅިވަރާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައި ގަތުމުން، ދިރާސާ ކުރުމަށް އިޖުތިމާއީ ކޮމިޓީއަށް ފޮނުއްވެވިއެެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތް ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔައިރު، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ކޮތަޅު ބޮނޑިން ފީ ނެގުމުގެ ގާނޫނީ މައްސަލައަށް މަޖިލީހުން ހައްލު ގެނެވިފައެއް ނުވެއެވެ. މި މައްސަލަ ހައްލުކޮށް މަޖިލިސް ޗުއްޓީއަށް ދާން ސަރުކާރަށް ތާއީދުކުރާ ބައެއް މެމްބަރުން އެދުނުކަން ފާހަގަކޮށްލެވެއެވެ.
މި ދައުރުގެ ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު