ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ސަމްލާން މިސްކިތް ކައިރީ ބޮޑުތަކުރުފާނު މަގުގައި ގާއިމުކޮށްފައިވާ އޭޓީއެމް ސެންޓަރު ބަންދުކޮށް، ޑޮލަރު އޭޓީއެމް މާފަންނަށް ބަދަލުކުރަން ނިންމައިފިއެވެ.

ބީއެމްއެލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ބޭންކުން ހ. މެރިން ޑްރީމްގައި ހިންގަމުން އައި އޭޓީއެމް ސެންޓަރު އެއްކޮށް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ސެންޓަރުގައި ހުރި ޑޮލަރު އޭޓީއެމްތައް ކުރީގެ ސްޓާ ސިނަމާ އިމާރާތުގައި ހުންނަ އޭޓީއެމް ސެންޓަރަށް ބަދަލުކުރަން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.

ބީއެމްއެލުން ބުނި ގޮތުގައި މި ބަދަލު ގެންނާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ. އޭގެ ފަހުން ސްޓާ ސިނަމާ އިމާރާތް، މ. ސްޓާ ކްލައުޑް ބިލްޑިންގައި ހުންނަ އޭޓީއެމްތައް ބޭނުންކުރާނީ ހަމައެކަނި ޑޮލަރުގެ މުއާމަލާތްތަކަށް އެކަނި ކަމަށްވެސް ބޭންކުން ވަނީ ބުނެފައެވެ.

އެ އޭޓީއެމްތަކާ އެންމެ ކައިރިން ދިވެހި ރުފިޔާގެ މުއާމަލާތްތަކަށް ބޭނުންކުރާނެ އޭޓީއެމްތައް ހުންނާނީ އައިޖީއެމްއެޗްގައެވެ.