މިދިޔަ މަހު ރާއްޖެއަށް 4.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން އިއްޔެ އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ދައުލަތަށް އިމްޕޯޓު އަދި އެކްސްޕޯޓުން ލިބުނު އާމްދަނީ 330 މިލިއަން ރުފިޔާއަށް އަރައެވެ. އެއީ މިދިޔަ އަހަރުގެ އެމުއްދަތުގައި ދައުލަތަށް އިމްޕޯޓު އަދި އެކްސްޕޯޓުން ލިބުނު އާމްދަނީއާ އަޅައި ބަލާއިރު ތިން ޕަސެންޓުގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިއެފްގެ އަގު މިދިޔަ އަހަރުގެ މާޗަށް ވުރެ 10 ޕަސެންޓް ވަނީ އިތުރުވެފައެވެ. މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު4.3 ބިލިއަން ރުފިޔާއަށް އަރައެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އިމްޕޯޓުކޮށްފައި ވަނީ ކާބޯތަކެތީގެ ބާވަތްތަކާއި ތެލުގެ ބާވަތްތަކެވެ. އެ މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ ޔޫއޭއީ، އިންޑިއާ، އޮމާން، ސިންގަޕޫރް އަދި ޗައިނާ އިންނެވެ.
އެގޮތުން ޔޫއޭއީން 753 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު، އިންޑިއާއިން ވަނީ 696 މިިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. އަދި އޮމާން އިން 467 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު، ސިންގަޕޫރުން 408 މިލިއަން ރުފިޔާގެ މުދާ، ޗައިނާއިން 357 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
އެކްސްޕޯޓަށް ބަލާއިރު މިދިޔަ މަހު ރާއްޖެއިން ބޭރުކޮށްފައިވަނީ 344 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ އަގަށް ބަލާ އިރު 51 ޕަސެންޓު އިތުރު އަދަދެކެވެ.
މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައި ވަނީ ތައިލޭންޑް، އިނގިރޭސިވިލާތް، ފްރާންސް، އިޓަލީ އަދި ތުރިކީ އަށެވެ. ރާއްޖެއިން މުދާ ބޭރުކުރި ނިސްބަތަށް ބަލާއިރު އެންމެ ގިނަ މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑް އަށެވެ. އެއީ ބޭރުކުރި މުދަލުގެ 66 ޕަސެންޓެވެ. އަގުގެ ގޮތުން ބަލާއިރު 225 މިލިއަން ރުފިޔާގެ މުދަލެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ ގަނޑުކުރި ކަނޑު މަހެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް މުދާ ހިފައިގެން އައިސްފައިވަނީ އެންމެ އުޅަނދެކެވެ. އަދި 13 އުޅަނދެއް ފުރާފައިވެއެވެ. މިދިޔަ މަހު ކަސްޓަމްސް ރޯޔަލްޓީއަށް ލިބުނީ 13.9 މިލިއަން ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު