ޑިމޮކްރަސީގެ މަގަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރި ފަހުން، ފާއިތުވި ހަތަރު އަހަރަށްވުރެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގާއިމުވެފައި އޮތް ދައުރެއް ދިވެހިން ދެކިފައިނުވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސިފައިންގެ ހިދުމަތަށް 131 އަހަރު ފުރުނު މުނާސަބަތާ ގުޅިގެން މިއަދު ދެއްވި ހިތާބުގައެވެ.
ސިފައިންގެ ދުވަހާ ގުޅިގެން މާރިޔާ ދެއްވި ހިތާބުގައި ވިދާޅުވީ މި ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ހާސިލުކުރި އެންމެ ބޮޑު އެއް ކާމިޔާބީއަކީ ދިވެހިން މިއަދު ދެކޭ ހަމަޖެހުމާއި އަމާންކަން ކަމަށެވެ. އަދި ގިނަ ގޮންޖެހުންތަކާއެކުވެސް، ތަރައްގީގެ ދުވެލީގައި އަސްކަރީ ދާއިރާވެސް ހިމެނިގެން، ރާއްޖެ މިއަދު ދެކެމުން މިދަނީ މީގެ ކުރިން ރާއްޖެ ދެކެފައި ނުވާފަދަ ހިތްހަމަޖެހޭ ދުވަސްތަކެއް ކަމަށް ވިދާޅުވިއެވެ.
"ޑިމޮކްރެޓިކް ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުވި ފަހުން ފާއިތުވެދިޔަ ހަތަރު އަހަރުހާ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގާއިމުވެފައި އޮތް ދުވަސްވަރެއް ދިވެހިން ދެކިފައިނުވާނެކަމީ ދެބަސްވެވެން ނެތް ހަގީގަތެއް،" މާރިޔާ ވިދާޅުވިއެވެ.
ތަރައްގީގެ ރޭހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ސިޔާސަތުތަކަށް ތައުރީފު ކުރައްވަމުން މާރިޔާ ވަނީ ސިފައިންގެ ކުރިއެރުމާއި ތަރައްގީއަށް އެ މަނަކުފާނު ދެއްވާ އިސްކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު ދަންނަވާފައެވެ.
އޭގެ އިތުރުން މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ހެޔޮ ބަދަލުތަކެއް އަސްކަރިއްޔާއަށް ގެންނަވާފައިވާ ކަމަށާއި ސިފައިންގެ ޝަރަފުގެ ހިނގާލުމާއި އަސްކަރިއްޔާއިން ހިންގާ އެކިއެކި ޕްރޮގްރާމްތައް ރާއްޖޭގެ ކުދި ބޮޑު އެކި ރަށްރަށަށް ފުޅާވެގެން މިއަދު ދާކަމީ ތަރައްގީގެ ކަންކަމުގައިވެސް ކުދިބޮޑު ރަށްތައް ތަފާތުކުރުމެއް ނެތި މި ސަރުކާރުން ގެންގުޅޭ ތަފާތުކުރުމެއް ނެތް ސިޔާސަތުގެ ތެރެއިން ގެންނަމުންދާ ބަދަލުތަކެއް ކަމަށް ވިދާޅުވިއެވެ.
މާރިޔާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިތުރު ސަރަހައްދުތަކުގައި ސިފައިންގެ މަރުކަޒުތައް ގާއިމުކުރުމަށް މި ސަރުކާރުން ވިސްނަމުންދާ ކަމަށެވެ.
މި އަހަރަށް ކަނޑައަޅާފައިވާ ސިފައިންގެ ޝިއާރަކީ "ސިފައިންގެ ބަދަހިކަން- ގައުމުގެ ހަމަޖެހުން" އެވެ. މާރިޔާ ވިދާޅުވި ގޮތުގައި މި ޝިއާރުން ސިފަކޮށްދެނީ ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނީ ސިފައިންގެ ލަޝްކަރު ބަދަހި ލަޝްކަރެއްގެ ގޮތުގައި އޮވެގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު