ގދ. ހޯނޑެއްދޫ ފެނަށް ޖެހި، އެ ރަށަށް ފެން ހަދިޔާ ކުރަން ރަށު ކައުންސިލުން މިއަދު އެދިއްޖެއެވެ.

ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް "ވަން" އަށް މިއަދު ވިދާޅުވީ މި ރޯދަ މަހުގެ ކުރިން އެ ރަށް ފެނަށް ޖެހި، ފެން ފޯރުކޮށް ދިނުމަށް އެދި މިދިޔަ މަހުގެ 26 ވަނަ ދުވަހު ފެނަކައިގައި އެދިފައިވާނެ ކަމަށެވެ.

"އެ ބޭފުޅުން ވިދާޅުވި އެއިރު ހަފުތާއެއްގެ ތެރޭގައި ފޯރުކޮށްދޭނެ ކަމަށް. ދެން އޭގެ ފަހުން ވިދާޅުވީ 50،000 ޓަނުގެ ފެން މިއަދު ފެން ލިބޭނެ ކަމަށް،" ވާރިޝް ވިދާޅުވިއެވެ.

ވާރިޝް ވިދާޅުވީ، އެ ރަށުގެ އާއްމު ފެން ތާނގީތަކުން ފެން ހުސްވުމުން ބޭނުންކުރަމުން ދިޔައީ ވާރޭ ފެން ސްޓޯރޭޖްގައި ހުރި ފެން ކަމަށާއި އެ ފެންވެސް މިހާރު ހުސްވެފައިވާ ކަމަށެވެ.

ވާރިޝް ވިދާޅުވި ގޮތުގައި މިހާރު އެރަށުގައި ފެން ބޭނުން ކުރަނީ ބައެއް އާއްމުންގެ ގޭގޭގައި ހުރި ވާރޭ ފެން ރައްކާކުރާ ހަންތަކުގައި ހުރި ފެން ކަމަށާއި ކެއްކުމުގެ ކަންކަމަށް މިސްކިތު ވަޅު ފެން ބޭނުންކުރާ ކަމަށެވެ.

ހޯޑެއްދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ހޯޑެއްދުއަށް ބޯފެން ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން ކައުންސިލާ ގުޅައިގެން އެކަން ކުރިއަށްގެންދިއުން އެދޭ ކަމަށެވެ.