ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކު މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން މިއަދު ބުނީ މިރޭ 8:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވާ މި ޖަލްސާގައި ހަނދާބެހޭ ގޮތުން ނިންމާ ނިންމުން އިއުލާންކުރާ އިރު، ޓީވީ/ ރޭޑިއޯއިން ލައިވް ކުރާނެ ކަމަށެވެ. އަދި މިނިސްޓްރީގެ ފޭސްބުކް ޕޭޖުންވެސް ލައިވް ކުރާނެއެވެ.
ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަނދުބެލުން އޮންނާނެ ކަމަށާއި ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައި ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ބޭރު ގައުމަކަށް ހަނދު ފެނިއްޖެނަމަ، އެ މައުލޫމާތު ހިއްސާކުރާނީ ފޮރިން މިނިސްޓްރީން ކަމަށްވެސް ބުނެފައިވެއެވެ.
މިއަދަކީ 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހެވެ. މިއަދުގެ އިރު ރާއްޖެއަށް އޮއްސޭއިރު، ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.
ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި، މިއަދު މާލެއަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 15 މިނެޓު ފަހުންނެވެ. ރާއްޖޭގެ އެންމެ އުތުރަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 16 މިނެޓު ފަހުންނެވެ. ރާއްޖޭގެ އެންމެ ދެކުނަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 15 މިނެޓު ފަހުންނެވެ.
އެހެންކަމުން ފަލަކީ ހިސާބުތައް ދައްކާ ގޮތުން މާދަމާއަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ބައެއް އިލްމުވެރިން ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު