ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ އެމެކްސް ޕްރޮމޯޝަނުގެ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެ ކަމަށް ބޭންކުން ބުނެފިއެވެ.

އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ ޕްރޮމޯޝަނުގެ ދަށުން ބީއެމްއެލް އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން، ކަސްޓަމަރުން ކުރާ މުއާމަލާތްތަކަށް އަނބުރާ ފައިސާ ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 30 ކަމަށެވެ.

ބޭންކުން ބުނިގޮތުގައި އެމެރިކަން އެކްސްޕްރެސް ކާޑުތަކުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް މި ޕްރޮމޯޝަނުގެ ގުރުއަތުގައި ބައިވެރިކުރާނެ ކަމަށެވެ. އަދި ޕްރޮމޯޝަން މުއްދަތުގައި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ 10 ކަސްޓަމަރުންނަށް އެ ކަސްޓަމަރުން ކުރި މުއާމަލާތުގެ އަދަދު އަނބުރާ ލިބޭނެ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކޮށް، އެމެކްސް ކާޑުތަކުން ޕޭމަންޓް ބަލައިގަންނަ ހަމައެކަނި ބޭންކެވެ.