ގަދަ އަޑުން ހުތުރުބަހުން ވާހަކަ ދައްކަވައި، ތަކެއްޗަށް ގެއްލުންދީ މެންބަރުން ވާހަކަ ދައްކަން ހުރަސް އެޅުއްވުމުން، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުގެ ނަން އިއްވައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ނެރެފިއެވެ.

ޖާބިރު މިގޮތަށް އަމަލު ކުރެއްވީ، އެމްޑީޕީ ވެރިކަމެއް އޮވެ، އެޕާޓީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ސަރުކާރުން ކުރިއަށްނުގެންދާ ކަމަށް ބުނެ، އެމްޑީޕީ މެނިފެސްޓޯގައިވާ ސިޔާސަތު ތަންފީޒު ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން، މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ހުށަހުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އެ ގަރާރަށް ވާހަކަ ފައްޓަވަމުން ޖާބިރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ މަސްވެރިންނަށް ހެޔޮ ބޭފުޅެއް ކަމަށެވެ. އަދި ރާއްޖޭގެ މަސްވެރިކަން ތަރައްގީ ކުރުމުގައި ރައީސް ސޯލިހު ނިސްބަތްވެ ވަޑައިގަންނަވާ، ހިންނަވަރު މީހުންގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެއަށްފަހު ވާހަކަ ބަދަލުކުރައްވައި ޖާބިރު ވިދާޅުވީ "މި ގަރާރު ހުހެޅުއްވި ބޭފުޅާ ޔާމީން (ކުރީގެ ރައީސް) ޖަލުގައި އޮތީމަ އިމޯޝަންގައި އޮޕަރޭޓް ވަނީ،" ކަމަށެވެ. އަދި މެންބަރު ފިރުޝާނަކީ ހުވަދޫ ބޭފުޅެއްތޯ ސުވާލު އުފެދޭ ކަމަށާއި އެ މެންބަރު ހުށަހެޅުއްވި ގަރާރު ހުވަދޫ މީހުން ބަލައި ނުގަންނަ ކަމަށާއި މި ގަރާރު އަނބުރާ ގެންދެވުމަށްވެސް ޖާބިރު ގޮވާލެއްވިއެވެ.

ރާއްޖޭގެ ރައްޔިތުން ވަނީ އެއިރެއްގައި ހުންނެވި، ރައީސުލްޖުމްހޫރިއްޔާއެއްގެ ބޮލަށް މަސްވެރިކަމުގެ ކަންތައް ކަނޑާލާފައިވާކަން ފާހަގަ ކުރައްވައި، ރުޅިވެރިކަމާއެކު ގަދަ އަޑުން ޖާބިރުގެ ވާހަކަ ދެން އަމާޒު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ.

ޖަލްސާގެ ރިޔާސަތުގައި އެވަގުތު އިންނެވި، ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް އިނގިލި ދިއްކުރައްވައި ޖާބިރު ވިދާޅުވީ، "ކެނެރީގެ ފެއިލް ވުމަކީ ދިވެހި ރާއްޖެ ފެއިލްވުމެއް ނޫން،" ކަމަށެވެ. އަދި ނަޝީދަށް ނިސްބަތްކުރައްވައި ހުތުރުބަހުން ވަނީ ވާހަކަދައްކަވައިފައެވެ.

އެހިސާބުން ޖާބިރުގެ ވާހަކަ ހުއްޓުވައި އަފީފު ވިފާޅުވީ، މެންބަރު ވާހަކަ ދައްކަވާ އިރު، އަނެއް މެންބަރަށް ހުތުރުވާގޮތަށް އެއްވެސް ވާހަކައެއް ނުދެއްކެވުމަށް އެދޭ ކަމަށެވެ.

ޖާބިރު ވިދާޅުވީ، "އެ ނަސޭހަތް ގަބޫލު ކޮށްފިން އަދި އަވަގުރާނައިގެ ލިސްޓެއް ފޮނުވުމަށްވެސް އެދެން، ގާނޫނުއަސާސީގައި އަވަގުރާނައިގެ ލިސްޓެއްވެސް އޮންނަންވާނެ،" ކަމަށެވެ.

އެއަށްފަހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ކޮންމެ ވާހަކައެއްވެސް ދެއްކެންވާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާއަތު ދޫ ކުރައްވައި މަޖިލިސް މެންބަރުކަމުގެ ތިރި ގޮޑިއަށް ވަޑައިގަތުމަށް އެދޭ ކަމަށެވެ.

އޭގެ ފަހުން މަޖިލިސް ރައީސް ނަޝީދުގެ އިސްތިއުފާއަށް ޖާބިރު ތަކުރާރުކޮށް ގޮވަން ފެއްޓެވިއެވެ.

"މިއަދު އަޅުގަނޑު އެދެން އެއް ކަމަކަށް، މަޖިލިސް ރައީސް ތިރިގޮނޑިއަށް ފައިބާ ވަޑައިގަތުމަށް، އޭނާ އިސްތިއުފާ ދޭށޭ މިހާރުން މިހާރަށް، ރައީސް ނަޝީދު މިވަގުތު ތި ގޮޑީގަ އިންނާކަން އަޅުގަނޑު ނޭދެން، އޭނަ ފެއިލް ވެއްޖެއޭ، އަޅުގަނޑު އަތުން ލާރި ނަގައިގެން ތި ގޮނޑީގައި އިނދެގެންނުވާނެ އޭނަ ފައިބަންޖެހޭނެ،" ކަމަށް ތަކުރާރުކޮށް ޖާބިރު ގޮވަން ފެއްޓެވިއެވެ. އަދި މަޖިލިސް ރައީސް، މަޖިލިސް ގެންދަވަނީ ނުބައިކޮށް ކަމަށްވެސް ގަދައަޑުން ޖާބިރު ވިދާޅުވަމުން ގެންދެވިއެވެ.

އެންފަހުން ޖާބިރުގެ ވަގުތު ހަމަވެގެން މައިކް ކަނޑައިލުމުން، އެ ހަޅޭކުގައި ޖާބިރު ދެން ވަޑައިގަތީ އިދާރީ މޭޒުގެ ކުރިމައްޗަށެވެ.

އެވަގުތު ގާރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ގެންދެވީ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑޭ) އެވެ. ނަމަވެސް ގޮނޑޭ ކައިރިއަށް ވަޑައިގެން އަޑުގަދަކޮށް އޭނާގެ ބަހުސަށްވެސް ޖާބިރު ހުރަސް އެޅުއްވިއެވެ. އެންމެފަހުން ބޮނޑޭގެ މޭޒުކޮޅު ކައިރިއަށް ވަޑައިގެން އަޑުގަދަކޮށް، އެ މޭޒުގައި ހުރި މައިކް ސިސްޓަމަށް ތަޅުން މައްޗަށް ވައްޓައިލިއެވެ.

އެންމެފަހުން ރިޔާސަތުން ތަކުރާރުކޮށް ޖާބިރަށް އިންޒާރު ދެއްވުމަށްފަހު އޭނާގެ ނަން އިއްވައި މަޖިލިސް ތަޅުމުން ބޭރަށް ނެރުނެވެ.