ފަޅުރަށްރަށާ ބެހޭ ގަވާއިދަށް އިސްލާހު ކުރަމުންދާތީ ފަޅުރަށްތައް ކުއްޔަށް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.
އެގްރިކަލްޗާ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފަޅުރަށްރަށް ކުއްޔަށް ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމާއި ކުއްޔަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ހުށަހަޅާފައިވާތީ، އެ އިސްލާހުތަކުގައި ފަޅުރަށްރަށާ ބެހޭ ގަވާއިދަށްވެސް އިސްލާހުތަކެއް ގެނައުމަށް ހިމަނާފައިވާ ކަމަށެވެ. އެހެންކަމުން އެ އިސްލާހުތައް ގެނައުމުގެ މަސައްކަތް މިވަގުތު ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ އިސްލާހުތަކަކީ ކޮބައިކަން އޭނާ ހާމައެއް ނުކުރައްވައެވެ.
ފަޅުރަށްރަށާ ބެހޭ ގަވާއިދަށް މިދިޔަ އަހަރުވެސް އިސްލާހު ގެނެސްފައިވެއެވެ. އެގޮތުން އެ އިސްލާހުގައިވާ ގޮތުން ފަޅުރަށެއް ކުއްޔަށް ދެވޭނީ މަދުވެގެން 10 އަހަރަށް ކަމަށް ކަނޑައަޅާފައިވެއެވެ. މި ގަވާއިދުގައިވާ ގޮތުން އެއްވެސް ފަރާތަކަށް ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް، އެ ރަށެއް ލިޔެގެން އުޅޭ ފަރާތުން އެހެން ފަރާތަކަށް ލިޔެދިނުމާއި ކުއްޔަށް ދިނުމާއި އެރަށް ބެލެހެއްޓުމުގެ ޒިންމާ އެހެން ފަރާތަކާ ހަވާލުކުރުމަކީ މަނާ ކަމެއް ކަމެކެވެ.
އެހެންނަމަވެސް ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް ލިޔެގެން އުޅޭ ފަރާތުން، އެ ރަށް ބެލެހެއްޓުމުގެ ބޭނުމުގައި އެފަރާތުގެ މުވައްޒަފުންގެ ގޮތުގައި މީހުން އެ ރަށެއްގައި ބައިތިއްބައިގެން އެރަށް ބެލެހެއްޓުމަށް ގަވާއިދަށް ގެނައި އިސްލާހު ހުރަހެއް ނާޅައެވެ.
ފަޅުރަށްރަށް ވަރުވާ އަށް ދޫކުރަނީ ސިނާއީ މަސައްކަތްކުރުމަށާއި ދަނޑުވެރިކަން ކުރުމުގެ ބޭނުމުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު