މަގުމަތިވެފައި ތިބި ބަޔަކު ރައްޔިތުންގެ މަޖިލީހަށް ވަދެ، ދިވެހި ވިޔަފާރިވެރިންނާ އަދާވާންތެރިކަން ބާއްވައިގެން ވިޔަފާރިވެރިން ފުނޑާލަން މަސައްކަތް ކުރަމުންދާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ދައުރު ނޫހުގެ ދެ ނޫސްވެރިއަކަށް މަރުގެ އިންޒާރުދިން މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހެދުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ އެ ކުއްލި މައްސަލައަކީވެސް އެގޮތުގެމަތިން ހުށަހެޅި މައްސަލައެއް ކަމަށެވެ.
ދައުރު ނޫހުގެ ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހްމަދު ނާއިފާއި އެ ނޫހުގެ ސީނިއާ އެޑިޓަރަކަށް އިންޒާރު ދީފައިވަނީ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމާ ގުޅުން އޮތް ނ. އިރުފުށި ރިސޯޓު ހިންގަން ހިލްޓަންއާ އެކު ހެދި އެއްބަސްވުމުގެ މައްސަލައާ ގުޅޭގޮތުން ލިޔުނު އާޓިކަލެއްގެ މައްސަލައިގައެވެ. އެއީ މިހާރުވެސް ކޯޓުގައި ހިނގަމުންދާ މައްސަލައެކެވެ.
އެ މައްސަލައިގެ އިސްތިއުނާފުގައި ގޮތެއް ނިންމަންދެން، ހިލްޓަނަށް 24 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވަލްސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް، ތަންފީޒުކުރުން ފަސްކުރުމަށް މިމަހުގެ ދެވަނަ ދުވަހު ހައިކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.
ޖާބިރު ވިދާޅުވީ، "މައްސަލައެއް އޮތިއްޔާމު ހުށަހަޅަންޖެހޭ ފަރާތްތަކަށް ނޫސްވެރިން ހުށަހަޅައިފަ އެ މައްސަލައިގައި ފައިސަލާއެއް ނުކުރީމަ، ސަރުކާރުންވެސް އެ މައްސަލަ ނުބަލާކަމަށްވާނީ، ހުށަހަޅައިފިއްޔާ މައްސަލަ ދާނީ ބަލަމުން،" ކަމަށެވެ.
އެ މައްސަލައިގައި ބައެއް މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން ޖާބިރު ވިދާޅުވީ، އެކަން ދެކެވަޑައިގަންނަވަނީ، ރާއްޖޭގެ ވިޔަފާރިވެރިންނާ މެދު ވަރަށް ނާޒުކު ގޮތަކަށް، ވަރަށް ނުރަނގަޅު ގޮތަކަށް، ދުޝްމަން ވެފައިތިބި ބަޔަކު ކޮށްގެން އުޅޭ ކަމެއްގެ ގޮތުގައި ކަމަށެވެ.
ސަން ޓްރެވަލްސް މައްސަލައަށް އިޝާރާތްކުރައްވައި ޖާބިރު ވިދާޅުވީ، "ރާއްޖޭގެ ޓޫރިޒަމްގެ ވިޔަފާރިތަކުގެ ބާޒާރުގައި، މެނޭޖްމެންޓް ކޮންޓްރެކްޓް ހަދައިގެން ހިލްޓަނަށް ރިސޯޓެއް ދިނީ، އަޅުގަނޑު މިވާހަކަ މިދައްކަނީ ވަރަށް ސާފުކޮށް އެންމެނަށް އެނގެން ޖެހޭތީ، މެނޭޖްމެންޓް ކޮންޓްރެކްޓަކީ ސީދާ މެނޭޖަރެއްގެ މަގާމު، އެހެންކަމުން ހަމަ އެންމެ ލާރިއެއްވެސް ހިލްޓަނަކުން ހަރަދެއް ނުކުރޭ، ސަންޓްރެވަލް ސިޔާމު އިންވެސްޓްކުރީ އަޅުގަނޑަށް އެނގޭތީ މި ދަންނަވަނީ، ހިލްޓަން މީހުންނާ ހެދި ސިޔާމަަށް އެތަން ވިއްކަން ޖެހުނީ، ބަނގުރޫޓުވާ ހިސާބަށް ގޮސްގެން އެގްރިމެންޓް ރުޅާލަން ޖެހުނީ،" ކަމަށެވެ.
ޖާބިރު ވިދާޅުވީ، ވިޔަފާރިވެރިންނާ ޖައްސާލައިގެން އުޅޭ ތަނެއްގެ ގޮތުގައި، މަޖިލިސް ވެގެނެއްނުވާނެ ކަމަށެވެ. ސަން ޓްރެވަލަށް ލިބޭ ފައިސައަކީ ރާއްޖޭގެ ފައިސާ ކަމަށާއި، އެ ފައިސާކޮޅު ރާއްޖޭން ބޭރު ބަޔަކަށް ނުހައްގުން ހޯދައިދޭން ވަކާލާތު ކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މުސާރަދީ، ސިޔާސީ ކަންކަމަށް ހަރަދު ކުރަނީ ދިވެހި ވިޔަފާރިވެރިންގެ އަތުން ޓެކްސް ނަގައިގެން ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު