އެތެރެހަށީގައި ފޮރުވައިގެން ރާއްޖެއަށް ރަން އެތެރެކުރަން އުޅުނު އިންޑިއާ ފިރިހެނަކު މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ މާޗް 17 ވަނަ ދުވަހު ވިޒްއެއާ ފްލައިޓަކުން ރާއްޖެއައި އިންޑިއާގެ 43 އަހަރުގެ އެ މީހާ އާމެދު ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާގެ ހަށިގަނޑު އިތުރަށް ބަލައި ފާސްކުރުމަށް ބޮޑީ ސްކޭންކުރި އިރު ހަށިގަނޑުގެ އެތެރޭގައި އެއްޗެއް ރައްކާކޮށްފައި ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އެ ތަކެއްޗާއި ގުޅޭ ގޮތުން ސުވާލުކުރުމުން ހަށިގަނޑުގައި ރަން ހުންނާނެ ކަމަށް އޭނާ އެއްބަސްވި ކަމަށް ބުންޏެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި އޭނާގެ ހަށިގަނޑުން ނެގި ރަނުގެ ބަރުދަނުގައި، ޕެކިންއާ އެކު 361 ގްރާމް ހުއްޓެވެ.
އެތެރެހަށީގައި ފޮރުވައިގެން ރާއްޖެއަށް ރަން އެތެރެކުރަން އުޅުނު އިންޑިއާ މީހަކު މީގެ ކުރީންވެސް ވަނީ އަތުލައިގެންފައެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އަތުލައިގެން އެ މީހާގެ ހަށިގަނޑުން ގާތްގަނޑަކަށް 2.7 ކިލޯގެ ރަން ނެގިއެވެ.
އެ މައްސަލާގައި އެ މީހާގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ، މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ 120،000 ރުފިޔާއިން ޖޫރިމަނާކޮށް، ހަތަރު ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން އަމުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު