ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ހާއްސަ ސްކޮލާޝިޕް ޕްރޮގުރާމްތަކުގެ ސްޕޮންސަރަކަށް މާލެ ވޯޓާ އެންޑް ސުވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ) ހަމަޖައްސައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީއެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އާއި އެމް.ޑަބްލިޔު.އެސް.ސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑަބްލިޔުއެސްސީ ބުނީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ގާބިލު ޕްރިންސިޕަލުން އުފައްދާ ތަމްރީން ކުރުމަށްޓަކައި މާސްޓާސް ޑިގްރީ ލެވެލް ކޯހުގެ 10 ސްކޮލާޝިޕާއި ކުރު މުއްދަތުގެ 110 ކޯސް ސްޕޮންސާ ކުރާނެ ކަމަށެވެ.
ދެ އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ މިޕްރޮގްރާމްތައް ގެންދަނީ އެމްޑަބްލިޔުއެސްސީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.
އެމްޑަބްލިޔުއެސްސީން ބުނީ ރާއްޖޭގައި ސްކޫލްތައް ހިނގުމަށް ހާއްސަވެގެން، ތަމްރީން ލިބިފައިވާ ބޭފުޅުން މަދު ކަމަށާއި ސްކޫލްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ހިނގުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމާއި ސްކޫލްތަކުގައި ކިޔަވައިދިނުން ރަނގަޅު ކުރުމަށްޓަކައި ފެންވަރު ރަނގަޅު ޕްރިންސިޕަލުން ތިބުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށާއި އިލްމީ ގާބިލު ރަނގަޅު ޕްރިންސިޕަލުން ސްކޫލްތަކުގައި މަސައްކަތްކުރުމަކީ ދަރިވަރުން ރަނގަޅު ނަތީޖަ ހޯދުމަށް މެދުވެރިވާ ސަބަބެއް ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މުޖުތަމައަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ރޮނގަކުން ދިވެހިން އުނގެނުމާއި ބިނާކުރުމަށް މިފަދަ ފުރުސަތެއް ފަހިކޮށް ދެވުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލާކާއި ޝަރަފެއް ކަމަށެވެ. އަދި މިއީ މުޖުތަމައަށް އޭގެ މަންފާ އާއި ލާބަ ނުހަނު ބޮޑަށް ލިބިގެންދާނެ ކަމެއް ކަމަށާއި އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މުޖުތަމައުގެ ކުރިއެރުމާއި ލާބަ އާއި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށްވެސް އެމްޑަބްލިޔުއެސްސީ ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު