ރާއްޖޭގައި ދިރިއުޅޭ މީހުންގެ އަދަދު ފަސް ލައްކައިން މައްޗަށް އަރާފައިވާ ކަމަށް ބޯހިމެނުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް (އެންބީއެސް) އިން ވަނީ މިދިޔަ އަހަރު މުޅި ރާއްޖޭގައި ބޯހިމެނުން ކުރިއަށް ގެންގޮސްފައެވެ. އަދި މިއަދު ވަނީ ބޯހިމެނުގެ ވަގުތީ ނަތީޖާ އާންމުކޮށްފައެވެ.

ބޯހިމެނުގެ ވަގުތީ ނަތީޖާގައި ވާގޮތުން ރާއްޖޭގައި 515،122 މީހުން ދިރިއުޅެއެވެ. އޭގެ ތެރެއިން 382،751 މީހުންނަކީ ދިވެހިން ކަމަށްވާ އިރު، 132،317 މީހުންނަކީ ދިވެހިންނެވެ.

ވަގުތީ ރިޕޯޓުގައިވާ ގޮތުން މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 236,747 އެވެ. އޭގެ ތެރެއިން 204,277 އަކީ ދިވެހިން ކަމަށާއި އަދި 32,470 އަކީ ބިދޭސީންކަމަށް ބޯހިމެނުގެ ވަގުތީ ނަތީޖާއިން ދައްކައެވެ.

ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދަކީ 15,689 ކަމަށާއި އަދި ބިދޭސީންގެ އަދަދަކީ 36,707 ކަމަށް ބޯހިމެނުގެ ވަގުތީ ރިޕޯޓްގައި ބުންޏެވެ. އިންޑަސްޓްރިއަލް ރަށްތަކުގައި މަސައްކަތް ކުރަނީ 1,677 ދިވެހިން ކަމަށާއި ބިދޭސީންގެ ގޮތުގައި 12,164 މީހުން އިންޑަސްޓްރިއަލް ރަށްތަކުގައި މަސައްކަތްކުރާ ކަމަށް ބޯހިމެނުގެ ވަގުތީ ރިޕޯޓްގައި ބުންޏެވެ.

ރާއްޖޭގެ އާބާދީގެ 41 ޕަސަންޓް ދިރިއުޅެނީ މާލޭގައި ކަމަށާއި 46 ޕަސަންޓް އަތޮޅު ތެރޭގައެވެ. އަދި 10 ޕަސަންޓް ރިސޯޓުތަކުގައި އުޅޭ އިރު، ތިން ޕަސަންޓް އުޅެނީ އިންޑަސްޓިރިއަލް ރަށްތަކުގައި ކަމަށް ބޯހިމެނުގެ ވަގުތީ ރިޕޯޓްގައި ބުންޏެވެ.