ޔުނައިޓެޑް ސްޓޭޓްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ޔޫއެސް އެފްޑީއޭ)އިން އެލާޓް ކޮށްފައިވާ ލޮލަށް އަޅާ ބޭސްތަކެއް ރާއްޖެއަށް އެތެރެކުރުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ރާއްޖެއަށް އެތެރެކުރުން މަނާކުރި ލޮލަށް އަޅާ ބޭސްތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާގެ ގްލޯބަލް ފާމާގެ އާޓިފިޝަލް ޓިއާސް އާއި ފާމެޑިކާ ޔޫއެސްއޭގެ 15 ޕަސަންޓް އެމްއެސްއެމް ޑްރޮޕްސް އާއި އެޕޯޓެކްސް ކޯޕަރޭޝަންގެ ބްރިމޮނިޑައިން ޓާޓްރޭޓްގެ އިތުރުން ގްލޯބަލް ފާމާ ހެލްތުކެއާގެ އާޓިފިޝަލް އައި އޯނަމަންޓެވެ.
އެމްއެެފްޑީއޭއިން ބުނީ، މި ބޭސްތަކަކީ، ރާއްޖެއަށް އެތެރެ ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭސްތަކެއް ނޫން ކަމަށެވެ. ނަމަވެސް، ބޭސް ސިޓީއަށް ނުވަތަ އެ ނޫންވެސް ގޮތަކުން ރާއްޖެއަށް މި ބޭސްތައް އެތެރެ ވެފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއެފްޑީއޭއިން އިތުރަށް ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު ހާއްސަ ސަމާލުކަމެއްދީގެން ޕޯޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު